ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކާމިޔާބު ދުވަސްވަރު ކަމުގައިވާ ޑިސެމްބަރު މަހު، ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސްގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 4،177 ޑޮލަރު ލިބިފައިވާ ކަން ހާމަވެއްޖެއެވެ.
މިހާރުގެ ޑޮލަރު ރޭޓުން ބަލާނަމަ މިއީ 85،000 ރުފިޔާ އަށް ވުރެ އިތުރު އަދަދެކެވެ. މި ހަތް ތަރީގެ ރިސޯޓުން ދީފައިވާ މި އަދަދަށް ބަލާއިރު، އިތާފުށީގެ ކޮންމެ މުވައްޒަފަކަށް ހަފްތާއަކު އެވްރެޖްކޮށް 826 ޑޮލަރު، ނުވަތަ 17،000 ރުފިޔާ އަށް ވުރެ އިތުރު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވެއެވެ.
ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ މަހުޖަނަކާ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ގުޅިގެން ތަރައްގީކޮށްފައިވާ މި ރިސޯޓަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ. އިތާފުށިން މިހާ ބޮޑު ސާވިސް ޗާޖެއް ލިބޭ މައިގަނޑު ސަބަބަކީ އެތަނަށް ޒިޔާރަތްކުރަނީ ދުނިޔޭގެ މަޝްހޫރު މަހުޖަނުން ކަމަށް ވާތީ ކަމަށް މައުލޫމާތު ލިބެއެވެ.
މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގެ މަތީ ފަންތީގެ އެހެން ރިސޯޓްތަކުންވެސް މުވައްޒަފުންނަށް ބޮޑެތި އަދަދުތަކުން ސާވިސް ޗާޖް ބަހާފައިވެއެވެ. އެގޮތުން ވަން އެންޑް އޮންލީ ރީތި ރަށުން 1،977 ޑޮލަރު ބަހާފައިވާއިރު، ވެލާ ޕްރައިވެޓް އައިލެންޑުން 1،875 ޑޮލަރު ބަހާފައިވެއެވެ. ރިއު އެޓޯލް އެންޑް ޕެލަސް އިން 1،239 ޑޮލަރު، އަޔާޑާ މޯލްޑިވްސް އިން 1،197.30 ޑޮލަރު، ސެންޓާރާ ގްރޭންޑް ލެގޫން އިން 1،111 ޑޮލަރު އަދި ޖޭޑަބްލިއު މެރިއޮޓް ކާފު އަތޮޅު ރިސޯޓުން 1،158 ޑޮލަރު މުވައްޒަފުންނަށް ދީފައިވެއެވެ. މީގެ އިތުރުން މާލޭގައި ހިންގާ ބާސެލޯ ނަސަންދުރާ ހޮޓަލުން ކޮންމެ މުވައްޒަފަކަށް 748 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ދީފައިވެއެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެމްބަރާއި ޖެނުއަރީ މަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ޕީކް ދުވަސްވަރު ކަމުން، މި ދުވަސްވަރު މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖް އެހެން މަސްތަކާ އަޅާބަލާއިރު އިތުރުވެގެންދެއެވެ. މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރާ ދުވަސްވަރެވެ. ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ސިނާއަތެއް ކަމުން، މި ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖަކީ އެ މުވައްޒަފުންގެ އާމްދަނީގެ އެންމެ މުހިންމު ބައެކެވެ.




