2025 ވަނަ އަހަރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީ.އައި.އޭ) އޮޕަރޭޝަނަލް ގޮތުންނާއި ފަސިންޖަރުންގެ އަދަދުގެ ގޮތުން ބޮޑު ކުރިއެރުމެއް ލިބުނު އަހަރެއްކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ވީ.އައި.އޭ މެދުވެރިކޮށް ޖުމްލަ 8.28 މިލިއަން ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 7 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުން އައިސްފައިވަނީ ބައިނަލްއަގުވާމީ ދަތުރުވެރިންގެ އިތުރުން، ރާއްޖޭގެ އެތެރެވަރީގެ އުދުހުންތަކާއި ސީޕްލޭންގެ ހިދުމަތް ހޯދި މީހުންގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ ފަސިންޖަރުންގެ ތެރެއިން 5.38 މިލިއަން ފަސިންޖަރުންނަކީ ބައިނަލްއަގުވާމީ ދަތުރުވެރިންނެވެ. މިއީ ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ދޮރުާށީގެ ގޮތުގައި ވީ.އައި.އޭ އަދާކުރާ މުހިންމު ދައުރު ހާމަކޮށްދޭ އަދަދެކެވެ. މީގެ އިތުރުން، ރާއްޖޭގެ އެތެރެވަރީގެ ދަތުރުތަކުން 1.17 މިލިއަން ފަސިންޖަރުން ހިދުމަތް ހޯދާފައިވާއިރު، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ނެޓްވޯކް މެދުވެރިކޮށް 1.73 މިލިއަން ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ.
2025 ވަނަ އަހަރުގެ ތެރޭގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުން ދަތުރުކުރުމުގެ ރެކޯޑުތަކެއް ވެސް ވަނީ އާވެފައެވެ. އެގޮތުން، ފުރޮޅުލީ ބޯޓުތަކުން އެންމެ ގިނަ ފަސިންޖަރުން ދަތުރުކުރީ 28 ޑިސެމްބަރު 2024 ގައެވެ. އެ ދުވަހު 27,381 ފަސިންޖަރުން ޓާމިނަލް ބޭނުންކޮށްފައިވެއެވެ. ސީޕްލޭން އޮޕަރޭޝަންތަކުގައި އެންމެ ބާރުބޮޑުވި ދުވަހަކީ 16 ފެބުރުވަރީ 2025 އެވެ. އެ ދުވަހު 7,439 ފަސިންޖަރުން ވަނީ ސީޕްލޭންގައި ދަތުރުކޮށްފައެވެ.
ވައިގެ ދަތުރުފަތުރުގެ ހަރަކާތްތަކަށް (Air Traffic Movements) ބަލާއިރު، 2025 ވަނަ އަހަރު ޖުމްލަ 249,214 މޫވްމަންޓްސް ރެކޯޑުކުރެވިފައިވެއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހިމެނެނީ:
- ބައިނަލްއަގުވާމީ ދަތުރުތައް: 34,868
- އެތެރެވަރީގެ ދަތުރުތައް: 28,348
- ސީޕްލޭން ދަތުރުތައް: 185,998
މި ކުރިއެރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް މަގުބޫލުކަމާއި، އެއާޕޯޓުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ނަތީޖާއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއާޕޯޓުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ދެއްވާ ސަމާލުކަމާއެކު، ކުރިއަށް އޮތް އަހަރުތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ޒަމާނީ ހިދުމަތްތަކެއްދޭ މަރުކަޒަކަށް ވެގެންދާނެއެވެ.




