ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ރާއްޖެ ސާފު ފުޓްސަލް ޗެމްޕިއަންކަމާ ގާތަށް

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ރާއްޖެ ސާފު ފުޓްސަލް ޗެމްޕިއަންކަމާ ގާތަށް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ދިވެހި ގައުމީ ޓީމު މިއަދު ނޭޕާލް 2-1 އިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ވަރަށް ގާތަށް ޖެހިލައިފިއެވެ.

ތައިލެންޑްގެ ނޮންތަބުރީ ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި ކުޅުނު މި މެޗުގައި ރާއްޖެ ވަނީ ކުރިއަށް ދިޔަ ހަތަރު މެޗުންވެސް މޮޅުވެފައެވެ. މި މޮޅާއެކު ރާއްޖެއަށް 12 ޕޮއިންޓް ހޯދިފައިވާއިރު، ޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. ނަމަވެސް ދެވަނަ ހާފުގައި އަހްމަދު ހަމީދު (އައްމަޑޭ) ތަނަވަސްކޮށްދިން ފުރުސަތަކުން އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ރާއްޖެއަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން ނޭޕާލުން އެއްވަރުކުރީ ލިބުނު ކޯނަރަކުން ބިކްރާންތު ކާމިޔާބުކުރި ލަނޑުންނެވެ.

މެޗުގެ ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި ނޭޕާލުގެ އަމިތު ލާމާއަށް ކުރި ފައުލްއަކާ ގުޅިގެން ރަތް ކާޑު ދައްކައި، އޭނާ ދޫކޮށްލާފައިވާއިރު، ރާއްޖެއަށް މި ފުރުސަތު ވަރަށް ރަނގަޅަށް ބޭނުންކުރެވުނެވެ. ލިބުނު ހިލޭ ޖެހުމެއްގައި ރާއްޖޭގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ވަނީ ރާއްޖެއަށް ލީޑު ނަގައިދީ މޮޅު ކަށަވަރުކޮށްދީފައެވެ.

ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ބޭނުންވަނީ އިތުރު ދެ ޕޮއިންޓެވެ. މިއަދު ޕާކިސްތާނާ ބަންގްލަދޭޝް ކުޅޭ މެޗު އެއްވަރުވެއްޖެނަމަ ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން މިހާރުވެސް ކަށަވަރުވާނެއެވެ. މުބާރާތުގައި ރާއްޖެއަށް ދެން އޮތީ 24 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް އަދި 26 ވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. މި މުބާރާތުގައި ރާއްޖެއިން ދައްކަމުން އަންނަ ފެންވަރުން ދިވެހި ފުޓްސަލް ޓީމު އޮތީ ސާފް ރީޖަނުގެ އެންމެ ވަރުގަދަ ބާރުގއ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *