އިސްލާމީ ދައުލަތްތަކުގެ ތެރެއިން އަސްކަރީ ގޮތުން އެންމެ ބާރުގަދަ ދެ ޤައުމު ކަމަށްވާ ޕާކިސްތާނާއި ތުރުކީއިން އީރާނުގެ އައްޔަތުﷲ ޚާމަނާއީގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފިއެވެ.
މި ބަޔާން ދީފައި މިވަނީ މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި މިހާރު އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާދިނުމުގެ މަސައްކަތްތައް ފުޅާކޮށް އެމެރިކާގެ ކަނޑުގެ އަދި ވައިގެ ސިފައިން މެދުއިރުމައްޗަށް ޖަމާކޮށް އަސްކަރީ ޖެޓުތަކާއި ކަނޑު އުޅަނދުތައް އެރަސަހައްދަށް މިސްރާބު ޖަހަމުން އެބަ ގެންދެ އެެވެ.
ޕާކިސްތާނަކީ ނިއުކްލިއަރ ހަތިޔާރުގެ ގާބިލުކަން ހުރި ދުނިޔޭގެ ހަމައެކަނި މުސްލިމް ޤައުމެވެ. އީރާނާއި ބޯޑަރު ހިއްސާކުރާ މި ޤައުމުގެ ޖިއޮގްރަފީ ލޮކޭޝަނުގެ ސަބަބުން އީރާނަށް އެހީވުން ވަރަށް ފަސޭހައެވެ. ޕާކިސްތާނުގެ އަސްކަރީ ބާރު ވަރަށް ވަރުގަދަވާއިރު، ހާއްސަކޮށް ނިއުކްލިއަރ ހަތިޔާރުތަކުގެ ދާއިރާގައި އެޤައުމު ދަނީ މުހިންމު ހަރުފަތެއްގައި ދަމަހައްޓަމުންނެވެ.
ތުރުކީއަކީ ޔޫރަޕް، އޭޝިއާ އަދި މެދުއިރުމަތީގެ ތިން ސަރަހައްދެއްގައި ނުފޫޒުފޯރުވާ ބާރުގަދަ ޤައުމެކެވެ. ރައީސް އެރްދޮޣާންގެ ވެރިކަމުގައި ތުރްކިޔޭގެ ދިފާޢީ ތަކެތީގެ އިންޑަސްޓްރީ ވަރަށް ބޮޑަށް ކުރިއަރައިފައިވާއިރު، އަމިއްލަ އުފައްދާ ޑްރޯންތަކާއި ޓޭންކާއި ހަނގުރާމަ މަތީ އުދުހުންތައް އުފައްދާ ވަރުގަދަ ޓެކްނޮލޮޖީއެއް އެޤައުމުގައި ހުރެއެވެ. ތުރްކިޔޭއަކީ ނޭޓޯގެ ތެރޭގައި ދެވަނަ އެންމެ ބޮޑު ލަޝްކަރުވެސް އޮންނަ ގައުމު ކަމުން މެދުއިރުމަތީގައި އެޤައުމުގެ ޖިއޮގްރަފީގެ މުހިންމުކަން ވަރަށް ބޮޑެވެ.
އީރާނުގެ ސަރުކާރުން ބުނީ ދައުލަތުގެ ކޮންމެ ސަރަހައްދަކަށް ހަމަލާދިނުމުން، އޭގެ ބަދަލުގައި އިތުރު ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. ބަދަލު ހިފުމުގައި ތެހެރާނުން ފަސްނުޖެހޭނެ ކަމަށް އެޤައުމުގެ ލީޑަރުން ބުނެފައިވެއެވެ. އައްޔަތުﷲ ޚާމަނާއީ ވިދާޅުވީ ޤައުމުގައި ދަނީ ބޭރުގެ ބާރުތަކުން ފަސާދަ ފަތުރަމުން ކަމަށާއި، އެކަންކަމުގެ އަޑީގައި ހުރީ ސީދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށެވެ.
މިހާރު އީރާނުގައި ސަރުކާރާ ދެކޮޅަށް ގިނަ މުޒާހަރާތައް ކުރިއަށްދާއިރު، މި މުޒާހަރާތަކަށް 20 ދުވަސް ވެފައިވެއެވެ. ބައެއް ރިޕޯޓުތަކުން ބުނާގޮތުން މިހާތަނަށް 5000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޚާމަނާއީ ވިދާޅުވީ މި ހަމަނުޖެހުންތަކުގެ ޒިންމާ ނަގަންޖެހޭނީ ރައީސް ޓްރަމްޕް ކަމަށެވެ. ސަބަބަކީ ޓްރަމްޕް ވަނީ މުޒާހަރާ ކުރާ ބައިވެރިންނަށް ސީދާ ހިތްވަރު ދެއްވާފައި ކަމަށާއި، އީރާނުގެ ސަރުކާރު ބަދަލުކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޚާމަނާއީ ތުހުމަތުކުރެއްވިއެވެ.
މީގެކުރިން އިޒްރޭލާ އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި ވެސް ޕާކިސްތާނުން އީރާނަށް އިންޓެލިޖެންސް ފޯރުކޮށްދީފައިވާކަން އީރާނުން ހާމަކޮށްފައިވެއެވެ. އަދި ތުރުކީއިން ވަނީ އީރާނަށް ހަމަލާ ދިނުމުގައި ތުރުކީގެ ވައިގެ ސަރަހައްދު ބޭނުންކުރުން އެމެރިކާއަށް މަނާކޮށްފަ އެވެ.




