ބާސެލޯނާގެ އިތުބާރު ކީޕަރު އަދި ކެޕްޓަން މާކް އަންދްރޭ ޓާސްޓެގަން، އޭނާގެ މުސާރަ ކުޑަކުރުމަށް އެއްބަސްވެ ވަގުތީ ގޮތުން އެ ކުލަބު ދޫކޮށްލަން ނިންމައިފިއެވެ. ޖަރުމަނަށް އުފަން އުމުރުން 34 އަހަރުގެ ކީޕަރު ބަދަލުވާން ނިންމާފައިވަނީ ސްޕޭނުގެ ޖިރޯނާއަށެވެ.
ޓާސްޓެގަން ޖިރޯނާއާ ގުޅެނީ މި ސީޒަނުގެ ނިޔަލަށެވެ. ދިހަ އަހަރު ވަންދެން ބާސެލޯނާގެ އެއްވަނަ ކީޕަރުގެ މަގާމު ފުރު ފަހުން، އޭނާ ކުލަބު ދޫކޮށްލަން މަޖުބޫރުވީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. ފުރަތަމަ ސަބަބަކީ ބާސެލޯނާއިން އޭނާގެ ބޭނުން މިހާރު ކުޑަވުމެވެ. ދެވަނަ ސަބަބަކީ ކުރިއަށް އޮތް ވޯލްޑް ކަޕުގައި ޖަރުމަނުގެ ގައުމީ ޓީމުން ޖާގަ ހޯދުމަށްޓަކައި ގަވާއިދުން ކުޅުމުގެ ފުރުސަތު ހޯދުމެވެ. ގާތްގާތުގައި ލިބުނު އަނިޔާތަކާ ގުޅިގެން ޓާސްޓެގަން މިހާރު ވެއްޓިފައިވަނީ ބާސެލޯނާގެ ތިންވަނަ ކީޕަރުގެ މަގާމަށެވެ.
މި ބަދަލާއެކު ޓާސްޓެގަންގެ މުސާރައިގެ ކަންކަން ހަމަޖެހިފައިވަނީ ޚާއްޞަ އުސޫލެއްގެ ދަށުންނެވެ. އޭނާ މުސާރަ ކުޑަކުރަން އެއްބަސްވިއިރު، މުސާރައިގެ 90 އިންސައްތަ ދޭނީ ބާސެލޯނާއިންނެވެ. ބާކީ 10 އިންސައްތަ ދޭނީ ޖިރޯނާއިންނެވެ. ބާސެލޯނާއިން ކުރިން އެދުނީ މުސާރައިގެ 20 އިންސައްތަ ޖިރޯނާއިން ދިނުމަށެވެ. ނަމަވެސް އެކަމަށް ޖިރޯނާއިން އިންކާރު ކުރުމުން، ބާސެލޯނާއިން އެދުނީ ޓާސްޓެގަންގެ މުސާރަ ކުޑަކުރުމަށެވެ. ފުރަތަމަ އެކަމާ ދެކޮޅު ހެދި ނަމަވެސް، ކުޅުމުގެ ފުރުސަތު ހޯދުމަށްޓަކައި ފަހުން އޭނާ ވަނީ އެކަމަށް އެއްބަސްވެފައެވެ.
އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ޓާސްޓެގަން، ގައުމީ ޓީމުގެ މަގާމު ގެއްލިދާނެތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ބާސެލޯނާއިން އޭނާ ދާއިމީކޮށް އެހެން ކުލަބަކަށް ބަދަލުކުރަން ބޭނުންވި ނަމަވެސް، ޓާސްޓެގަން ވަނީ ދާއިމީކޮށް ކުލަބު ދޫކޮށްލަން ދެކޮޅު ހަދާފައެވެ.




