އީރާނަށް ހަމަލާދޭން ސައުދީގެ ސަރަހައްދު ބޭނުންކުރުން މަނާކޮށްފި

އީރާނަށް ހަމަލާދޭން ސައުދީގެ ސަރަހައްދު ބޭނުންކުރުން މަނާކޮށްފި

އިދިކޮޅު ފަރާތްތަކުން އީރާނަށް ދީފާނެ އެއްވެސް ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ އެއްގަމާއި ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމުގެ ސަރީހަ އިންޒާރެއް ސައުދީ ސަރުކާރުން ދީފިއެވެ.

ސައުދީ ސަރުކާރާ ގާތް ގުޅުމެއް އޮންނަ އިތުބާރު ހުރި ދެ މަސްދަރަކުން ބުދަ ދުވަހު އޭއެފްޕީ ނޫސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އީރާނަށް އަމާޒުކޮށްދޭ އެއްވެސް އަސްކަރީ ހަރަކާތެއްގައި ސައުދީގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށެވެ. މީގެ އިތުރުން، ސައުދީގެ އެއްވެސް ސަރަހައްދެއް މިފަދަ ކަމަކަށް ބޭނުން ނުކުރުމަށް އީރާނަށް ވެސް މިހާރު ވަނީ ރަސްމީކޮށް އަންގާފައެވެ.

މި ނިންމުން އައިސްފައިވަނީ އީރާނުގައި ކުރިއަށްދާ މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން، އެމެރިކާއިން އީރާނަށް އަސްކަރީ ރައްދެއް ދީފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ސައުދީގެ މި ނިންމުމަކީ ސަރަހައްދީ ހަނގުރާމައެއްގެ ތެރެއަށް އެގައުމު ވަނުމުން ސަލާމަތްވުމަށް އެޅި ފިޔަވަޅެކެވެ.

މި މައްސަލައިގައި އީރާނުގެ ވެރިރަށް ތެހެރާނުން ވެސް ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. އީރާނުން ބުނެފައިވަނީ އެގައުމަށް އެއްވެސް ކަހަލަ ހަމަލާއެއް އަތުވެއްޖެ ނަމަ، ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މުދާ އުފުލާ އުޅަނދުތަކަށް ރައްދު ހަމަލާދޭނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ގަލްފު ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ވަސީލަތްތަކާއި މަރުކަޒުތައް ފުޅާދާއިރާއެއްގައި ގާއިމުވެފައިވާއިރު، އޭގެ ތެރޭގައި ސައުދީ އަރަބިއްޔާގައި ހުރި މަރުކަޒުތައް ވެސް ހިމެނެއެވެ. ސައުދީގެ މި ނިންމުމާއެކު، އީރާނަށް ހަމަލާދިނުމަށް އެމެރިކާއިން ރާވަފާނެ އަސްކަރީ އުކުޅުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *