އާ އަހަރާއެކު އަލް ނަސްރުގެ ނަތީޖާތައް ދަށްވެ، ތާވަލުގެ އެއްވަނަ ގެއްލިއްޖެ

އާ އަހަރާއެކު އަލް ނަސްރުގެ ނަތީޖާތައް ދަށްވެ، ތާވަލުގެ އެއްވަނަ ގެއްލިއްޖެ

ސައުދީ ޕްރޯ ލީގުގައި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އައް ނަސްރު، މި ފެށުނު އާ އަހަރުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ، ނަތީޖާތައް ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ. ރޭ ރަށުން ބޭރުގައި އަލް ހިލާލާ ދެކޮޅަށް ކުޅުނު މެޗުން އައް ނަސްރު ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، ކެޕްޓަން ރޮނާލްޑޯ ލަނޑެއް ޖަހައި އައް ނަސްރަށް ލީޑު ނަގައިދިނެވެ. ނަމަވެސް، ދެވަނަ ހާފުގައި މުޅި މެޗުގެ މަންޒަރު ބަދަލުވެގެންދިޔައެވެ. މެޗުގެ 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަލް ހިލާލުން ނަތީޖާ އެއްވަރުކުރިއެވެ. އޭގެ ތިން މިނެޓު ފަހުން، އައް ނަސްރުގެ ގޯލްކީޕަރަށް ދެއްކި ރަތް ކާޑާއެކު އެ ޓީމަށް އިތުރު ދަތިތަކާ ކުރިމަތިވިއެވެ. މި ފުރުސަތުގެ ބޭނުންހިފާ، އަލް ހިލާލުން ވަނީ ދެވަނަ ހާފުގައި ތިން ގޯލު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ.

މިދިޔަ އަހަރުގެ ސީޒަންގައި އައް ނަސްރުން ވަނީ ކުޅުނު 11 ލީގު މެޗުގެ ތެރެއިން 10 މެޗުން މޮޅުވެ، ފަހު މެޗު އެއްވަރުކޮށް ވަރުގަދަ ފޯމެއްގައި އޮވެފައެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، އެންމެ ފަހުން ކުޅުނު ޖުމްލަ ހަތަރު މެޗުން ވެސް އެ ޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ.

މި ދަށް ނަތީޖާތަކާއެކު، އައް ނަސްރަށް ވަނީ ތާވަލުގެ އެއްވަނަ މަގާމު ގެއްލިފައެވެ. މިހާރު ތާވަލުގެ އެއްވަނައިގައި އޮތީ މިހާތަނަށް މެޗަކުން ބަލިނުވެ އޮތް އަލް ހިލާލެވެ. އެ ޓީމު އެއްވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ބޮޑު ތަފާތަކުންނެވެ.
ޓީމުގެ ނަތީޖާތައް ދަށްވި ނަމަވެސް، ރޮނާލްޑޯ އަންނަނީ އަމިއްލަ ރެކޯޑުތައް އައު ކުރަމުންނެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު 14 މެޗުން 15 ލަނޑު ޖަހައި، ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި މަގާމު ދަމަހައްޓާފައެވެ. ރޭގެ ގޯލާއެކު ރޮނާލްޑޯގެ ކެރިއަރުގައި ޖެހި ޖުމްލަ ލަނޑުގެ އަދަދު ވަނީ 959 އަށް އަރާފައެވެ.

މިވަގުތު އައް ނަސްރާއި ތިންވަނައިގައި އޮތް އައް ތައާވޫނަށް ވެސް ލިބިފައިވަނީ 31 ޕޮއިންޓެވެ. ނަމަވެސް، ތައާވޫން އެއް މެޗު މަދުން ކުޅެފައިވާއިރު، މާދަމާ އެ ޓީމު ކުޅޭ މެޗުން އެންމެ ޕޮއިންޓެއް ހޯދައިގެން ވެސް އައް ނަސްރު ފަހަތަށް ޖައްސާލައި ދެވަނަ މަގާމަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.
ކުރިއަށް އޮތް މެޗުތަކަށް ބަލާއިރު، ލީގުގައި ނަސްރަށް ދެން އޮތީ ރެލިގޭޝަން ޒޯނުގައި އޮތް ދެ ޓީމަކާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. އޭގެ ފަހުން އަމިއްލަ ދަނޑުގައި އެ ޓީމު ނުކުންނާނީ އައް ތައާވޫނާ ދެކޮޅަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *