ޓޫރިޒަމް ގާނޫނަށް އިސްލާޙު ގެނައުމުގެ ނިޔަތް ރަނގަޅު، އެކަމަކު ގާނޫނުގައި ކަންބޮޑުވުންތައް އެބަހުރި: ފިރާގު

ޓޫރިޒަމް ގާނޫނަށް އިސްލާޙު ގެނައުމުގެ ނިޔަތް ރަނގަޅު، އެކަމަކު ގާނޫނުގައި ކަންބޮޑުވުންތައް އެބަހުރި: ފިރާގު

މިމަހުގެ ތިންވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މިމަހުގެ ހަވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ގާނޫނުގެ ނިޔަތް ހުރީ ހެޔޮ މިސްރާބަކަށް ކަމަށާއި، ނަމަވެސް ބިލު އެއްކޮޅުން އަނެއްކޮޅަށް ވިދާޅުވުމުން، ގިނަ ކަންބޮޑުވުންތަކެއް އެ ގާނޫނުގައި އެބަހުރި ކަމަށް ރާއްޖޭގެ އެންމެ ބޮޑު ތްރެވަލް އެޖެންސީތަކުގެ ތެރޭގައި ހިމެނޭ، އިނަރ މޯލްޑިވްސް އާއި އޭސް ޓްރެވަލްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާ ފިރާގު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓޫރިޒަމްގެ އެ ގާނޫނުގެ ހުރިހާ މާއްދާތަކެއް އަކުރުން އަކުރަށް އޭނާ ވިދާޅުވެފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި ގާނޫނުގެ ނިޔަތާމެދު ހިތްހަމަޖެހިވަޑައިގެންނެވި ނަމަވެސް، މި ގާނޫނުގައި ހުރި ބަޔެއް ކަންކަމުގެ ސަބަބުން، ފަތުރުވެރިކަމުގެ ސިނާޢަތަށް ދިގު މުއްދަތަކަށް ކުރާނެ އަސަރު ތަކާމެދު ކަންބޮޑުވުން އެބަހުރި ކަމަށެވެ. އަދި މިހާވަރުގެ ބޮޑު ބަދަލުތަކެއް ޓޫރިޒަމް ގާނޫނަށް ގެންނައިރު، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ސްޓޭކްހޯލްޑަރުންނާއި، އިންވެސްޓްމަންޓްތަކާއި، ޓުވަރ އޮޕަރޭަޓަރުންނާއި ،ޓުރެވަލް އެޖެންޓުންނާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އެކަމުގެ އަސަރު ކުރާނެ ގޮތް ފުރިހަމައަށް ދެނެގަތުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ޤާނޫނު ތަންފީޒު ކުރުމުން، އަންނަން އޮތް ދުވަސް ތަކަށް  މި ޤާނޫނު ހަރުދަނާކޮށް އަދި ގެންނަންޖެހޭ ބަދަލުތަކާއެކު ހަރުދަނާ ވެގެން ދާނެކަން ކަށަވަރު ކުރުމަށްޓަކައި، މި ޤާނޫނު އިތުރަށް ތަފްޞީލުކޮށް ދިރާސާ ކުރަންޖެހޭ." ފިރާގު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅައި، ފާސްކޮށް، ރައީސް ތަސްދީގު ކުރައްވާފައިވާ މި ގާނޫނުގެ ބޭނުމެއް ކަމަށް ސަރުކާރުން ބުނެފައިވަނީ، ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިޒޯޓް ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމާއި، ޓޫރިޒަމް ޓްރޭނިންގ ރިޒޯޓު ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމާއި އެފަދަ ބޭނުން ތަކަށް ތަންތަން ކުއްޔަށް ދިނުމާއި އެ ތަންތަން ހިންގުމުގެ އުސޫލުތައް ކަނޑައަޅައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙްތައް ބަޔާން ކުރުން ކަމަށެވެ. މީގެ އިތުރުން ރިޒޯޓު ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީ ކުރުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ރަށްރަށުގެ ފަޅުގެ ސަރަޙައްދު ކަނޑައެޅުމާއި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކުރުމާއި، އެ ލައިސަންސްގެ ދަށުން ޚިދުމަތް ދިނުމުގެ އުސޫލުތައް ޤާނޫނުގައި ބަޔާން ކުރުން ކަމަށެވެ.

މި ބިލުގައި، ޓޫރިސްޓް ޚިދުމަތް ދޭ ތަންތަނުގެ ގޮތުގައި "ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް" ހިމަނައި އެފަދަ ބޭނުން ތަކަށް ތަންތަން ކުއްޔަށް ދިނުމާއި، ތަރައްޤީކޮށް އެ ތަންތަން ހިންގުމުގެ އުސޫލު ބަޔާން ކޮށްފައިވެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީ ތަކުގެ އިހްތިޞާޞްގައި ހިމެނޭ ތަންތަނުގައި ތަރައްޤީ ކުރެވޭނީ ޓޫރިސްޓް ގެސްޓް ހައުސް ނުވަތަ ޓޫރިސްޓް ހޮޓާ ކަމަށާއި އެ ތަންތަނުން ސަރުކާރަށް ދައްކާ ފައިސާ، އެ ތަނެއް ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ހިމަނައި، އެ ފައިސާ އެ ކައުންސިލް ތަކަށް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން މަދުވެގެން 45 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ބިން، ނުވަތަ ފަޅު، ދޫކުރެވޭނެ ގޮތްތައް އިތުރުކޮށް، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ދޫކުރެވޭނެ ކަމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

މި ބިލުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްޤީކޮށް ނިންމުމަށް ދެވިފައިވާ މުއްދަތު އިތުރު ކޮށްދިނުމުގެ ޝަރުތުތަކާއި އިޖުރާތު ބަޔާންކޮށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު، އިތުރު 6 (ހައެއް) މަސްދުވަހަށް އިތުރު ކުރެވޭނެ ކަމަށްވެސް ވަނީ ހިމަނާފައެވެ.

ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުން ހުރި ދަތުރުތައް ރާވައި ހިންގުމުގެ ޚިދުމަތް ދެވޭނީ، ޓުއަރ އޮޕަރޭޓަރ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ކަމަށާއި، ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ޓުއަރ އޮޕަރޭޓަރަކަށް، ޚިދުމަތް ދެވޭނީ، ފޮރިން ޓުއަރ އޮޕަރޭޓަރ ލައިސަންސްއެއް ހޯދުމަށްފަހު ކަމަށް ކަނޑައަޅައި ޓުއަރ އޮޕަރޭޓަރުންނާއި ފޮރިން ޓުއަރ އޮޕަރޭޓަރުންނާ ގުޅޭ ކަންކަންވެސް މި ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.

އަދި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ހިންގަމުންދާ ރަށެއް ނުވަތަ ބިމެއް ރީ-ޑިވެލޮޕްކުރުމަށްޓަކައި ބަންދު ކުރެވޭ މުއްދަތުގައި ދައްކަންޖެހޭ ކުއްޔާއި، ބަންދުކުރުމާ ހަމައަށް ދައްކަން ޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، ފަސްކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ކަނޑައެޅުން ވެސް މި ބިލަށް ގެނައި އިޞްލާޙުގައި ހިމެނެއެވެ.

ހުއްދަ ހޯދައިގެން ފޯރުކޮށްދޭންޖެހޭ ޓޫރިސްޓް ޚިދުމަތެއް، އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފިނަމަ، އެ ފަރާތެއް ފޯރުކޮށްދިން ޚިދުމަތުގެ ބާވަތަށާއި ޚިދުމަތް ފޯރުކޮށްދިން މުއްދަތަށް ބިނާކޮށް އެ ފަރާތެއް 1،000،000 (އެއްމިލިއަން) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެކަމަށް މި ބިލަށް ގެނެވުނު އިޞްލާޙުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *