އުޒްބަކިސްތާނުގެ ވެރިރަށް ޓާޝްކެންޓާއި މާލެ އާއި ދެމެދު ސެންޓްރަމް އެއާއިން މިމަހު ފަހުކޮޅު ދަތުރުތައް ފަށަން ތައްޔާރު ވެއްޖެއެވެ.
ޓާޝްކެންޓް އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި ދެމެދު ވައިގެ ދަތުރުތައް މި މަހުގެ 30 ވަނަ ދުވަހު ފަށާނެކަން ހާމަކުރީ ސެންޓްރަމް އެއާގެ ރާއްޖޭގެ ޕާޓްނަރުގެ ގޮތުގައި ޚިދުމަތް ދޭންފެށި، އިނަރ މޯލްޑިވްސް އަދި އޭސް ޓްރެވަލްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ފިރާގެވެ.
ފޭސްބުކްގައި މިއަދު ފިރާގު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އުޒްބަކިސްތާނުގެ ވެރިރަށް އަދި އެ ގައުމުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ޓާޝްކެންޓާއި މާލެ ދެމެދު ޗާޓަރު ފްލައިޓްތައް ފަށާނެ ކަމަށެވެ. މި ދަތުރުތައް ވީކްލީކޮށް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއަކުވެސް އާދީއްތަ ދުވަހުއެވެ.
ފިރާގު ވިދާޅުވި ގޮތުގައި، އުޒްބަކިސްތާނާއި މާލެ އާއި ދެމެދުގެ އޮންނަ ދަތުރުތަކުގެ ޑިމާންޑް ބޮޑުވަމުން ދާވަރަކުން އޭ 330 ގެ ބޯޓަކަށް ދަތުރުތައް ބަދަލު ވެގެންދިއުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
ފިރާގު ވިދާޅުވީ، ޓާޝްކެންޓުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމާއެކު، ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ، ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާވެގެން ދިއުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ސެންޓްރަމް އެއާގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި އިނަރ މޯލްޑިވްސް އާއި އޭސް ޓްރެވަލްސް އިން ޚިދުމަތް ދޭން ފެށުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. ސެންޓްރަމް އެއާރއަކީ، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދެމުން އަންނަ އެއާއަކީ އުޒްބަކިސްތާނުގެ އަމިއްލަ އެއާލައިނެކެވެ.





