ޕާޓީން ވަކިކުރާ މަޖިލިސް މެންބަރުންގެ ގޮނޑިއާ މެދު ގޮތެއްގެ ނިންމުގެ ބާރު ރައްޔިތުންނަށް ދޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢެވެ. މިދިޔަ އަހަރު ޤާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގައި މަޖިލީހަށް އިންތިޚާބުވާ މެންބަރަކު އެހެން ޕާޓީއަކަށް ސޮއި ކޮށްފިނަމަ ނުވަތަ ސިޔާސީ ޕާޓީން އެ މެންބަރަކު ވަކި ކޮށްފިނަމަ މެންބަރުގެ ގޮނޑި ގެއްލޭނެއެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހެޅި އިސްލާހުގައި ވަނީ އެ މާއްދާއަށް ބަދަލު ގެނައުމަށް ހުށަހަޅާފައެވެ.
ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ ދެ އަކުރުގައި ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓީ އަކުން ވަކިކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެފަދަ ހާލަތެއްގައި ގޮނޑި ގެއްލޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހުއެވެ. މި ވޯޓު ނަގާނީ އެ މެންބަރަކު އިންތިޚާބުވި ދާއިރާއެއްގެ ރައްޔިތުންގެ މެދުގައެވެ.
އެ ހާލަތުގައި މެންބަރުންގެ ގޮނޑި ގެއްލޭނީ ވޯޓު ދޭ ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިގެންކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އަޣުލަބިއްޔަތު ނުލިބޭނަމަ އެ މެންބަރަކު މިނިވަން މެންބަރެއްގެ ގޮތުގައި ދައުރު ނިމެންދެން ދެމި ހުންނާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ނަމަވެސް ދެވަނަ ފަހަރަށް އެ މެންބަރަކަށް ސިޔާސީ ޕާޓީއަކާ ނުގުޅެވޭނެ ކަމަށްވެސް ޤާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބަޔާން ކޮށްފައެވެ. އެގޮތުން، އެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖަނަމަ މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެ ކަމަށް ވަނީ ބަޔާން ކޮށްފައެވެ.






