ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީކުރި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު، ހުޅުވައިފި އެވެ.
ހަނިމާދޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ސަރުކާރުގެ އިސް ބޭފުޅުން، ކުރީޣެ ރައީސް ޑރ. ހަސަން ވަހީދު އަދި ހަނިމާދޫގެ ކައުންސިލްގެ ރައީސްއާއި މެންބަރުން ބައިވެރިވަޑައިގަތެވެ.
އެ އެއާޕޯޓުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ ވެސް ވަނީ ބައިވެރިވަޑައިގެންފައެވެ. އޭނާއާއެކު އިންޑިއާގެ ސިވިލް އެވިއޭޝަންގެ އިސް ބޭފުޅުންތަކެއްވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމުކުރި ރަންވޭ އަކީ 2.7 ކިލޯމީޓަރުގެ ދިގު ރަންވޭއެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ.
އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި އެލްއޯސީގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެއެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.





