ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެ މަނިކުފާނުގެ ނަންފުޅު އޮންނާނެ ކަމަށާއި މާފުއްޓަށް ފައިބައިވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޕީއެންއެފްގެ ގައުމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ޝަރީއަތް އަވަސްކުރިޔަސް، މައްސަލައެއް ނެތް ކަމަށާއި ޕީއެންއެފުން ކުރާ މަސައްކަތުގެ ތެރެއިން މާފުށީ ބަނދަރަށް ވެންނެވި ނަމަވެސް، އެ ރަށަށް ފައިބައިވަޑައިނުގަންނަވާނެ ކަމަށެވެ.
ޖަލު ހުކުމަކާ ހިސާބަށް ގެންދިއުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބުނުވާނެ ކަމަށާއި ޝަރީއަތުގައި އޮތް އެ މަނިކުފާނުގެ މައްސަލަ އެއްކޮޅަށް ނިމޭނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ޔާމީން ވިދާޅުވިއެވެ.
”އަޅުގަނޑުގެ ޓޮޕް ލޯޔަރު، ލީގަލް ޓީމުގެ އިސްކޮށް ހުންނެވި ޑރ. ޖަމީލު، ހީ އިޒް ވެރީ ޝުއާ އޭޒް ވެލް. އަޅުގަނޑަށް އެނގޭ ސަރުކާރުގެ އެތެރެއިން ކަންކަން ހިނގާ ގޮތް، ރައްޔިތުންގެ މަޖިލީހުގައި ކަށަވަރު ބަސް ދެމުންދެމުން އެ އަންނަނީ ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެއޭ. އެހެންވެއްޖެއްޔާ އެ ވޯޓުކަރުދާސް ދިވެހިރާއްޖެއަކު ނޫން ޗާޕުކުރާނީކީ. ރައީސް ޔާމީންގެ ނަން އިރާދަކުރެއްވިއްޔާ ވޯޓުކަރުދާހުގައި އޮންނާނެ،“ އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީއެންއެފްގެ މަސައްކަތްތައް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެ ކަމަށާއި ސަރުކާރު ޒިންމާދާރުކުރުވާ ހަމައެކަނި ޕާޓީއަކީ ޕީއެންއެފް ކަމަށެވެ. އަދި އެ ޕާޓީއަށް ބޭނުންވަނީ ހިތްވަރާއެކު މަސައްކަތްކުރާނެ ބޭފުޅުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

 
								 
								
 
											



 
								 
								 
								 
								