ފެނަކަ ކޯޕަރޭޝަނަށް ފައިނޭންޝަލް ސަޕޯޓް ދީގެން ކުރީ އޮތް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މައްސަލަ ބަލާ ކަމަށްވަންޏާ، ބަޖެޓުން ބޭރުން މި ސަރުކާރުގެ ފައިނޭންސް މިނިސްޓަރު 500 މިލިޔަން ރުފިޔާ ދީފައިވާ މައްސަަލަވެސް ބަލަންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސަރުކާރު އޮތްއިރު އޭރުގެ ފިނޭންސް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަން ހިންގަން ދައުލަތުގ ބަޖެންޓުންނާއި ލޯނުގެ ގޮތުގައި ބޭންކުތަކުން ފައިސާ ދޫކުރުމުގައި އޭރު ހުންނެވި މިނިސްޓަރު އިބްރާހިމް އަމީރް މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތުގެ ގަވާއިދާ ހިލާފްވެފައިވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ނިންމައިފައެވެ. އަދި އެކަމުގައި އަމީރުއާބެހޭގޮތުން ފާހަގަކުރެވޭ މައްސަަލަތައް ތަންފީޒީ އިދާރާތަކަށް ހުށަހަޅަން ވެސް ވަނީ ނިންމައިފައެވެ.
އެ ނިންމުމާ ބެހޭގޮތުން އެ ކޮމިޓީގައި ވާހަކަ ދައްކަަވަމުން ޝަމްހީދު ވިދާޅުވީ، 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ފެނަަކައަށް ފައިނޭޝަން ސަޕޯޓް ދިން މައްސަލައިގައި އަމީރުގެ މައްޗަށް ތަހުގީގު ހިންގާއިރު، މިދިޔަ އަހަރުގެ ބަޖެޓުން ބޭރުން މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ފެނަކައަށް 500 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަން އެނގެން އެބައޮތް ކަމަށެވެ.
އެހެންކަމުން އަމީރުގެ މައްސަަލަ ބަލަންޏާ އެ މައްސަަލަ ބަލަންޖެހޭނެ ކަަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ.
އެހެންނޫނީ މިކަން ވެގެންދާނީ ވަކި ބަޔަކަށް ޒާތީގޮތުން އިނގިލިދިއްކުރުން ކަަމަށްވެސް ޝަމްޙީދު ވިދާޅުވިއެވެ.






