ޑޮލަރު ފޭރުނު މީހުންގެ ވަނަވަރު އާންމުކޮށްފި

ޑޮލަރު ފޭރުނު މީހުންގެ ވަނަވަރު އާންމުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފުންގެ އަތުން ފައިސާ ސޫޓް ކޭސް ފޭރިގެން މައްސަލައިގައި ހައްޔަރުކުރި މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ، އެ މައްސަލައާ ގުޅިގެން އިއްޔެ މެންދުރު ހައްޔަރުކުރި ހަތަރު މީހުންގެ ބަންދު ވެސް އިތުރުކޮށްފައިވާ ކަމަށެވެ.

މި ހަތަރު މީހުންނަކީ؛

● މާޒިން މޫސާ، 25، ރޭޝަމް، ލ.މާވަށް

● އަހްމަދު ރައިހާން ނައީމް، 20، މ. ކޯރަސް، މާލެ

● އިބްރާހީމް އަނޫފް، 24، އަޅިވިލާގެ، ކ.ގުރައިދޫ

● ހުސައިން ޝަހުދު، 30، އަޅިވިލާގެ، ކ.ގުރައިދޫ

ރޭ ފަތިހު 4:45 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓް ތެރެއިން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފައިސާ ބްރިފްކޭސް ފޭރިގެންފައި ވަނީ، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގެ ތެރެއިންނެވެ. އަދި މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކުރިކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިއްޔެ ވަނީ ހާމަކުރައްވާފަ އެވެ.

ޑޮލަރު ފޭރިގަތް ވަގުން ވީއައިއޭގެ ޓާމިނަލަށް ފޭބީ ކާރަކުން ކަމަށް ވެ އެވެ. އޭރު ހުޅުލޭ ޖެޓީގައި ތައްޔާރީ ހާލަތުގައި ހާއްސަ ލޯންޗެއް އޮތް ކަމަށް އެނގިފައި ވެ އެވެ. އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭކޮށް، ފައިސާ ސޫޓް ކޭސް ފޭރިގަނެގެން އެ މީހުން ދުވެ ގޮސް އެރީ އެ ލޯންޗަށް ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *