އިއްޔެ އައްޑޫ ސިޓީގައި ނެގިގެންދިޔަ ފެންނަ ނުފެންނަ ވޯޓުގައި ފެނިގެން ދިޔައީ ރައްޔިތުންގެ ހަގީގީ އިޙްސާސްތައް ކަމަށާއި، އެ ވޯޓުގައި އައްޑޫ ރައްޔިތުން ދިން މެސެޖަކީ ސަރުކާރުން ސީރިއަސްކޮށް ނަގަންޖެހޭނެ މެސެޖެއް ކަމުގައި ވިޔަފާރިވެރިޔާ، އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
އައްޑޫ ވޯޓާއި ގުޅުވައިގެން ފިރާގު ވިދާޅުވީ، ބޮޑު އާބާދީއެއްގެ ތެރެއިން ވޯޓުލުމަށް ނުކުމެފައި ވަނީ މަދު ބައެއް ކަމަށެވެ. އަދި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުނަމަވެސް، ވޯޓުލީ މީހުންގެ އަޣުލަބިއްޔަތުން ސާފުކޮށް ފެނިގެން ދިޔައީ ހުށަހަޅާފައިވާ ޕްލޭނާ ދެކޮޅުކަން ކަމަށާއި، މި ވޯޓުގެ ނަތީޖާއިން ފެނިގެން ދިޔައީ ސަރުކާރާމެދު ގިނަ ބައެއް ހިތުގައި ހިތްހަމަ ނުޖެހުން އޮތުންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ވޯޓުގައި އައްޑޫ ސިޓީގެ ރައްޔިތުން ދިން މެސެޖަކީ ވަރުގަދަ މެސެޖެއް ކަމަށެވެ. އަދި އެކަމަށް އިންކާރު ނުކުރެވޭނެ ކަމަށެވެ.
"މަރުހަބާ ކިޔާ މީހުން ކިތަންމެ ގިނަ ވިޔަސް ނުވަތަ ސޯޝަލް މީޑިއާގައި ތަސައްވަރު ބަދަލު ކުރަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް، ރައްޔިތުންގެ ހަޤީޤީ އަޑު ހިމޭން ނުކުރެވޭނެއެވެ." ފިރާގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އައްޑޫ ސިޓީގައި ބޭއްވުނު ޚިޔާލު ހޯދުމުގެ ވޯޓުން އެންގިގެން ދިއައީ އާންމުންގެ އަސްލު އިހުސާސްތައް ހުރިގޮތެވެ.
"އެއީ އަޅާނުލާ ދޫކޮށްނުލެވޭނެ ހަޤީގަތެއް. ބައިވަރު ކަންކަން ރަނގަޅު ކުރަން ވެއްޖެ ކަމުގެ ހެއްކެއް " ފިރާގު ވިދާޅުވިއެވެ.
ފިރާގު ވިދާޅުވީ، އައްޑޫ ސިޓީގައި ނެގުނު ފެންނަ ނުފެންނަ ވޯޓަކީ ހަމައެކަނި ސިޔާސީ ކަމެއް ނޫން ކަމަށެވެ. އަދި މިއީ އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާއި ލިބެމުންދާ މާޔޫސްކަން ސަރުކާރުން ދެނެގަތުމުގެ ވަގުތުކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އައްޑޫ ސިޓީގެ މި މެސެޖަކީ އަޅުގަނޑުމެންގެ ސަރުކާރުން ސީރިއަސްކޮށް ނަގަންޖެހޭ މެސެޖެކެވެ. ކުރިއަށް އޮތް އިންތިޚާބުގެ ކުރިން ވިސްނައި، މާޒީގެ ގޯސްތައް އިސްލާހުކޮށް، ރައްޔިތުންނާ ގުޅުން އަލުން ބިނާކުރަންވީ ވަގުތެވެ." ފިރާގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިގޮތަށް ވާހަކަ ދެއްކެވުމުން ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔުން ނުވަތަ ހަމަލާތަކެއް ކުރިމަތިވެދާނެކަން އެނގިލައްވާ ކަމަށެވެ. ނަމަވެސް، ތެދުވެރިކަމާއެކު ވާހަކަ ދައްކަވާނެކަން ހާމަކުރެއްވިއެވެ.
"ކިތަންމެ ނުތަނަވަސް ނަމަވެސް، ހަގީގަތަކީ އަޅުގަނޑުމެން ކުރިއަށްނެރެ ދެނެގަންނަންޖެހޭ އެއްޗެކެވެ. ނޫނީ ފަހުން ލިބޭ ގެއްލުން މާބޮޑުވާނެ އެވެ." ފިރާގު ވިދާޅުވިއެވެ.






