އައްޑޫ ވޯޓަށް ތަރުހީބެއްވެސް ނެތް، ޖޯޝެއްވެސް ނެތް، ފޯރިއެއްވެސް ނެތް!

އައްޑޫ ވޯޓަށް ތަރުހީބެއްވެސް ނެތް، ޖޯޝެއްވެސް ނެތް، ފޯރިއެއްވެސް ނެތް!

އައްޑޫގައި ސިޓީ ކައުންސިލް އޮންނަ ގޮތާމެދު ޚިޔާލު ހޯދުމަށް މިއަދު ނަގަމުންދާ ވޯޓުގައި، މެންދުރު 12:00 ޖެހުމާ ހަމައަށް ވޯޓުލީ އެންމެ 17.35 ޕަސެންޓު މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ހާމަކޮށްފިއެވެ.

ވޯޓުލުމަށް ހެނދުނު 8:00 ގައި ހުޅުވާލި ނަމަވެސް، ވޯޓުލާ މީހުންގެ އަދަދު ވަރަށް މަދުކަން އީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.އީސީން ކުރިން ބުނެފައިވަނީ މިހާތަނަށް ވޯޓުލީ 20 ޕަސެންޓު މީހުން ކަމަށެވެ. ނަމަވެސް އެންމެ ފަހުން 12:00 ޖެހުމާ ހަމައަށް އީސީން ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ވޯޓުލާފައިވަނީ 1,661 މީހުންނެވެ. އެއީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 17.35 އިންސައްތައެވެ. ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 789 އަންހެނުންނާއި 879 ފިރިހެނުންނެވެ.

މި ވޯޓުގައި ޖުމުލަ 9,576 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އަދި 7,915 މީހުން ވޯޓެއް ނުލައެވެ. އެއީ 82.6 އިންސައްތަ މީހުންނެވެ.
އީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންނަކީ:

އައްޑޫ ފޭދޫން 4,355 މީހުން
އައްޑޫ ހުޅުދޫން 2,874 މީހުން
އައްޑޫ މީދޫން 2,347 މީހުން

މި ވޯޓަށް ހުޅުދުއާއި މީދޫގައި ކޮންމެ ރަށެއްގައި ތިން ފޮށި ބަހައްޓާފައިވާއިރު، ފޭދޫގައި ވޯޓުލުމަށް ފަސް ފޮށި ބަހައްޓާނެއެވެ. މީގެ އިތުރުން ވެރިރަށް މާލޭގައި ދިރިއުޅޭ، މި ތިން ރަށުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނަށް ހަތް ފޮށި، މާލޭގެ ކަލާފާނު ސްކޫލުގައި ބަހައްޓާނެ ކަމަށް އީސީން މައުލޫމާތު ދީފައިވެއެވެ.
އީސީން އަންނަނީ ވޯޓުލާ މީހުންގެ ހިސާބުތައް ކޮންމެ ގަޑިއިރަކުން އާންމުކުރަމުންނެވެ. މި ވޯޓު ކުރިއަށްދާނީ ހަވީރު 04:00އާ ހަމައަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *