ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުއަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ، މި މައްސަލަ އިންސާފުވެރިކޮށް ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލްއާއި ޖުޑިޝަރީއަށް ގޮވާލައްވައިފިއެވެ.
ސައީދުގެ މައްޗަށް ބޭއިންސާފުން ހުކުމްކޮށްފައިވާ ކަމަށް ބުނެ ގދ. ވާދޫގެ ރައްޔިތުން ވަނީ ސުލްހަވެރި ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ. މި ހިނގާލުމުގައި ބައިވެރިވި ގިނަ ރައްޔިތުން ވަނީ ސައީދުއަށް ކޮށްފައިވާ ހުކުމަކީ ބޭއިންސާފުން ކޮށްފައިވާ ހުކުމެއް ކަމަށް ބުނެ، އިންސާފުވެރި ޝަރީއަތެއް ގާއިމުކުރުމަށް ގޮވާލާފައެވެ.
އައްބާސް ވިދާޅުވީ، ސައީދަށް ކުރި ހުކުމާ ގުޅިގެން ގިނަ ރައްޔިތުންތަކެއް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ސަމާލުކަން ދެއްވައި، މި މައްސަލަ ވީހާވެސް ދެފުށް ފެންނަ އަދި އިންސާފުވެރި ގޮތަކަށް ބައްލަވައި ދެއްވުމަށް އެދޭކަމަށް އައްބާސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެއްވެސް ފަރާތެއްގެ ހައްގު ނުގެއްލޭނެ ގޮތަށް، އިސްތިއުނާފު މަރުހަލާގައި ވީހާވެސް އިންސާފުވެރިކޮށް އަދި އަދުލުވެރިކޮށް މިކަން ބައްލަވައި ނިންމަވައި ދެއްވުމަށް ޖުޑިޝަރީއަށް ގޮވާލައްވާ ކަމަށެވެ.
ސިޔާސީ ބޭނުމެއްގައި ނުވަތަ ޒާތީ ކަމެއް އިސްކޮށް އެއްވެސް ރައްޔިތަކަށް ނުހައްގުން ބޭއިންސާފުން އަނިޔާއެއް ލިބުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫން ކަމަށް އައްބާސް ވިދާޅުވި އެވެ.






