ވިޔަފާރި ކުރުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑު (އެޗްޑީސީ) އިން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތް ތަކުގެ ކުލީގެ ގޮތުގައި އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބެމުންނުދާ މައްސަލަ ރައްޔިތުންގެ މަޖިލީޙުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ހުށަހަޅާފައިވާ ކަންތައްތައް ތަންފީޒު ކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބެލެމަށް އެޗްޑީސީގެ ވެރިން ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން އެޗްޑީސީއަށް ކުލީގެ ފައިސާ ނުލިބޭ މައްސަލަ، 6 ނޮވެމްބަރު 2024 ގައި ކޮމިޓީއަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގެވެ.
އެ މައްސަަތައް ބެލުމަށްފަހު މިދިޔަ އޭޕްރީލް މަހު ކޮމިޓީން އެކުލަވާލި ރިޕޯޓްގައިވާ ގޮތުން އެކި ފަރާތްތަކުން އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރައެވެ.
އެ ރިޕޯޓްގައި ކޮމިޓީން ފާސްކޮށްފައިވާ ރެކޮމެންޑޭޝަން ތަކުގެ ތެރޭގައި ސަރުކާރުން ބިޔަ ޕްރޮޖެކްޓްތައް ހަވާލުކުރާ ކުންފުނިތަަކަކީ ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިސާ ދައްކަން ޖެހި، ނުދަައްކައިވާ ފަރާތެއްތޯ ކަށަވަރު ކުރުމަށްފަހު ނޫނީ ސަރުކާރުގެ ޕްރޮޖެކްޓްތައް ހަވާލު ނުކުރެވޭނެ ނިޒާމެއް ބައްޓަން ކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުން ހިމެނެއެވެ.
އޭގެ އިތުރުން އެޗްޑީސީން ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ލިބެންޖެހޭ ފައިސާ ހޯދުމަށް ހަރުދަނާ ނިޒާމެއް އެކުލަވާލައި މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން އެޗްޑީސީއަށް އެންގުމަށާއި ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ އެސެޓް ތަކުގެ އެސްޓިމޭޓެޑް މާކެޓް އަގުތައް ހޯދުމަށްފަހު އެ ތަންތަން ހިފަހައްޓައިގެން ލިބެންޖެހޭ ފައިސާ ހޯދުމަށާއި އެޗްޑީސީން ހުޅުވާލާ ބިޑްތަކާއި ވިޔަފާރީގެ ފުރުސަތު ތަކަށް އެދި ކުރިމަތިލާ ފަރާތްތަކުން އެ ކޯޕަރޭޝަނަށް ނުދައްކާވާ ފައިސާއެއްވޭތޯ ބަލައި، އިވެލުވޭޓް ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށްވެސް އެ ރެކޮމެންޑޭޝަން ތަކުގެ ތެރޭގައި ހިމެނެއެވެ.
އަދި އެޗްޑީސީން އަލަށް ހަވާލުކުރާ ޕްރޮޖެކްޓްތައް ނުވަތަ ބިޑަކަށް ކުރިމަތިލާ ފަރާތްތަކީވެސް އެޗްޑިސީއަށް އެއްވެސް ފައިސާއެއް ދައްކަންޖެހޭ ފަރާތެއްތޯ ކަށަވަރު ކުރުމަށްފަހު ނޫނީ އިތުރު ޕްރޮޖެކްތްތައް ހަވާލު ނުކުރުމަށް ވެސް ވަނީ ރެކޮމެންޑޭޝަން ތަކުގެ ތެރޭގައި ހިމަނައިފައެވެ.