ތަކެތީގެ އަގު ބޮޑު ކުރަނީ ވިޔަފާރިވެރިން ރާވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވ. ފެލިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅަށް، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު (އިނަރމޯލްޑިވްސް ފިރާގު) ހޫނު ރައްދެއް ދެއްވައިފިއެވެ.
ވ. ފެލިދޫގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، ބޭރު ފައިސާއާބެހޭ ގާނޫނު ދާދިފަހުން އިސްލާހުކޮށް ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި ޕަސެންޓެއް ޑޮލަރު ބޭންކަށް މާރު ކުރަންޖެހޭ ގޮތަށް ހެދުމުން ވިޔަފާރި ތަކުން، ރާއްޖެއިން ބޭރުން މުދާ އެތެރެ ކުރުމަށް ޓީޓީ ހެދުމަށް، ކުރިން ނުލިބޭ މިންވަރަށް ބޭންކު ރޭޓުގައި ޑޮލަރު ދޫކުރަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެގޮތަށް ހެދުމުން ތަކެތީގެ އަގު ހެޔޮވި ކަމަށެވެ. ނަމަވެސް ސިޔާސީ ބޭނުމަކަށް ވިޔަފާރިވެރިން ތަކެތީގެ އަގު ބޮޑު ކުރަނީ ރައްޔިތުންނަށް ދަތި ކުރުމަށް ކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް ދަތިވާ މިންވަރަށް ތަކެތީގެ އަގު ބޮޑުކޮށް ވިއްކުމުގެ ފުރުޞަތު ސަރުކާރުން މީގެކުރިންވެސް ދީފައިނުވާ ކަމަށެވެ.
ރައީސްގެ މި ވާހަކަފުޅާއި ގުޅިގެން އެސްއެސް ޓީވީގެ ޕްރޮގްރާމެއްގައި ޕްރެޒެންޓަރު ސުވާލު ކުރުމުން ފިރާގު ވިދާޅުވީ، މުދަލާއި ޚިދުމަތުގެ އަގު ބޮޑު ވަމުންދަނީ ވިޔަފާރިވެރިން ގަސްތުގައި ރާވައިގެން ނޫން ކަމަށެވެ.
"އަޅުގަނޑަށް ތަންކޮޅެއް ހޫނު އެއްޗެއް ދެންނެވޭނީ. އެއީ ކަނޑައެޅިގެން ދޮގެކޭ އަޅުގަނޑަށް ދެންނެވޭނީ. ރައީސް އެ ވިދާޅުވި ގޮތަށް އަޅުގަނޑުމެންނަށް ބޭންކް ތަކުން ކަންތައްތަކެއް ފަހިކޮށްނުދޭ. އަޅުގަނޑުމެން ކުރާ ވިޔަފާރީގައި، އަޅުގަނޑުމެން ކުރާ ކަންތަކުގައި ޓީޓީ ހަދަން ދިހަވަރަކަށް ޕަސެންޓަށްވުރެ ގިނައިން ބޭންކް ތަކުން ބޭރުފައިސާ ހަދާކަށްނުދޭ. ދެންޖެހެނީ އެކި ވަސީލަތްތައް ބޭނުން ކޮށްގެން އެކިގޮތްގޮތަށް ޑޮލަރު ހޯދަން. އެ ވިދާޅުވި ވަރަކަށް ބޭންކް ތަކުން ސަޕޯޓެއްނުދޭ" ފިރާގު ވިދާޅުވިއެވެ.
ފިރާގު ވަނީ ވިޔަފާރިން ޓެކްސް ނުދައްކާ ވިޔަފާރިވެރިންނަށް ގާނޫނުގެ ތެރެއިން ޖަލު އަދަބު ލިބުމާބެހޭ ގޮތުންވެސް ވާހަކަ ދައްކާފައެވެ. އޭނާ ވިދާޅުވީ، އެ އޭގެ ސަބަބުން ވިޔަފާރިވެރިން ވިޔަފާރި ކުރަން މިޖެހެނީވެސް ބިރުވެރިކަމެއްގެ ތެރޭގައިތިބެ ކަމަށެވެ. އަދި އެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ވިޔަފާރިވެރިޔާ ޖަލަށް ލުމުން މުޅި އާއިލާ އަނެއްކާވެސް ބިކަވެގެންދާ ކަހަލަ ކަމެއް. އެކަހަލަ ވާހަކަ ދެއްކުމަކީ މުނާސަބު ވާހަކައެއްނޫން. ޓެކްސް ނުދެއްކެނީ ކޮންމެވެސް ކަހަލަ ޙާލަތެއް މެދުވެރިވީމަ." ފިރާގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ވިޔަފާރިވެރިޔަކު ގަސްތުގައި ޓެކްސް ނުދައްކައި ހުންނާނެ ކަމަށް ގަބޫލެއް ނުކުރެއްވެއެވެ.
"އަޅުގަނޑަށް ހަމަޔަގީން ގަސްތުގައި އެއްވެސް ބޭފުޅަކު ޓެކްސް ނުދައްކައި ނުހުންނާނެ. ޓެކްސްއަކީ ހަމަ ދައްކަންޖެހޭ އެއްޗެއް. އެހެންނަމަވެސް ވިޔަފާރިތައް ދަށްވެ، ހީނަރުވެ އިންޓްރަސްޓް ލޯނު ދައްކަންޖެހި، ހުރިހާ ކަމެއް އައިމާ ޓެކްސް ނުދެއްކޭ ޙާލަތުވެސް ދިމާވަނީ. ވިޔަފާރިވެރިންނަކީ ސަރުކާރާ ޖަދަލު ކުރާނެ ބަޔެއްނޫން." ފިރާގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރިވެރިންނާ ގުޅޭ ގާނޫނުތަކާއި ގަވައިދުތައް ހަދައި ތަންފީޒު ކުރަން ފެށުމުގެ ކުރިން އެ ސިނާއަތުގެ މީހުންނާ ވާހަކަ ދައްކައި މަޝްވަރާކޮށް ރަނގަޅު ހައްލުތަކެއް އަންނަ ގޮތަށް ކަންކަން ކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ގިނަފަހަރު ފެންނަނީ އެކަމާނުވެސް ގުޅޭ ބަޔަކު ލައްވައި އެފަދަ ގަވައިދުތައް ހަދާތަން ކަމަށް ވިދާޅުވިއެވެ.
ފިރާގު ވަނީ އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަދެ، އެ ވިޔަފާރި ސަރުކާރުން ކުރަން ފެށުމާގުޅޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، އެއީ ސަރުކާރުން ހަދާ ގޯހެއް ކަމަށާއި، އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ ކަމަށެވެ.