ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމެއްގައި ބައެއް މެންބަރުން ސަރުކާރާ ދެކޮޅަށް ޚިޔާލުފާޅުކުރިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު މިހެން ވިދާޅުވީ އެމްޑީއޭގެ ޕީޖީ ގްރޫޕްގެ މެމްބަރެއްކަމަށްވާ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުޙައްމަދު ޢައްބާސް ޕީއެންސީގެ ޕީޖީ ގްރޫޕާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ޕީއެންސީގެ ޕީޖީ ބައްދަލުވުމެއްގައި ބައެއް މެންބަރުން ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޚިޔާލުފާޅުކޮށްފައިވާކަމަށް އައްބާސް ވަނީ ވިދާޅުވެފަ އެވެ.
މިކަމާއި މީސް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙު ވަނީ އައްބާސްގެ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި ދޮގު ވާހަކަތައް ފަތުރައިގެން ޕީއެންސީގެ ޕީޖީ ގުރޫޕް ރޫޅާލެވިދާނެކަމަށް ހީކުރުމަކީ ކުށް ހީއެއް ކަމަށްކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފަލާޙު ވިދާޅުވީ ޕީއެންސީގެ ޕީޖީ ގުރޫޕު އޮތީ އެކަތިގަނޑެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކޮށް ކަމަށެވެ. އަދި ކިތަންމެ ނުބައި ޕްލޭންތަކެއް ރާވާ، ދޮގު ވާހަކަތައް ފެތުރި ނަމަވެސް އެކަން ކާމިޔާބުނުވާނެކަމަށް ފަލާޙު ވިދާޅުވި އެވެ.
"މިފަދަ ފިތުނަވެރި ނުބައި ވާހަކަތައް ފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެއްކަމުގައި ދެކުމަކީ ވަރަށް ބޮޑު ކުށް ހީއެއް. މި ކަމުން އަންގައިދެނީ ތިމާއަކީ އެއްވެސް އަޚްލާޤެއް ނެތް މީހެއްކަން." ފަލާހުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ޢައްބާސް ޢިޝާރަތްކުރެއްވި ޕީޖީ ބައްދަލުވުމުގައި ބައިވެރިވި ކަމަށާއި އެ ވާހަކަތަކަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެ ގޮތަށް ފަތުރާ ދޮގު ޚަބަރުތަކުން ޕީއެންސީ ބައިބައި ނުކުރެވޭނެކަމަށް ޢަބްދުއްރަޙީމް ވިދާޅުވި އެވެ.
ޕީއެންސީ ޕީޖީގެ ސީނިއަރ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ ޕީއެންސީގެ ޕީޖީ ގުރޫޕާ ގުޅުވައި އެހެން ޕާޓީއެއްގެ މެންބަރެއް ދައްކަނީ ޙަޤީޤަތާ ޚިލާފު، އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރައިގެން ޕީއެންސީގެ ޕީޖީ ގުރޫޕު ބަލިކަށިކުރެވޭނެކަމަށް ދެއްކުމަކީ މޮޔަކަމެއް ކަމަށްވެސް ޝުޖާޢު ވިދާޅުވި އެވެ.
76 މެންބަރުން ތިއްބަވާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕަކީ މަޖިލީހުގައި ސުޕަރ މެޖޯރިޓީއެއް އޮންނަ ޕާޓީއަކަށްވާއިރު، އެ ޕާޓީގެ ޕީޖީ ގްރޫޕާއި ގުޅޭގޮތުން މީގެކުރިންވެސް ވަނީ މިފަދަ ހަޤީޤަތާއި ހިލާފު ވާހަކަތައް ފަތުރާފައެވެ.