ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް) ގެ ތެެރެއިން ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ 291 މިލިއަން ރުފިޔާގެ މުގާބިލުގައި، އެ ޕްރޮޖެކްޓްގައި ހިމެނޭ އައިލެންޑް އެކްސްޕާޓުން ހަދަމުންދާ 17 ބުރީގެ އިމާރާތް ދައުލަތަށް ނެގުމަށް އެޓާނީ ޖެނެރަލް (އޭޖީ) އަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ފާސްކޮށްފިއެވެ.
އެގޮތަށް އަންގަން ފާސްކުރީ އެ މައްސަލަ ބަލަމުންދާ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ފާސްކުރި ރިޕޯޓުގައި ހިމަނައިގެންނެވެ. އެ ރިޕޯޓްގައި ޕޮލްކޯ ޚިޔާނާތާއި ގުޅިގެން ކަމާބެހޭ މުއައްސަސާ ތަކަށް ގިނަ ކަންތައްތަކެއް ވަނީ ރެކޮމެންޑް ކޮށްފައެވެ.
ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ޕޮލްކޯ ޚިޔާނާތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ ސަބަބުން ސަރުކާރަށް ގެއްލިފައިވާ ފައިސާގެ ތަފްސީލް ކޮމިޓީ ރިޕޯޓުގައި ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.
"ދިވެހި ދައުލަތަށް ނުވަތަ ސަރުކާރަށް މިކަމުން ގެއްލުނު ފައިސާ ވަރަށް ރަނގަޅަށް އައިޑެންޓިފައި ކޮށްފައިވާނެ. އެގޮތުން 291 މިލިޔަން ރުފިޔާ އަނބުރާ ލިބެންޖެހޭ ކަަމަށް އޮތީ. އެއީ ޕޮލްކޯއާއެކު ހެދި ސެޓްލްމަންޓް އެއްބަސްވުމުގައި ހިމެނޭ 129 މިލިޔަންގެ އިތުރަށް ސަބް ކޮންޓްރެކްޓަރުންނަށް ދީފައި ހުރި ފައިސާ އެއްކޮށްލައިގެން" ނާޒިމް ވިދާޅުވިއެވެ.
ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ އެއް ކުންފުނި ކަމަށްވާ އައިލެންޑް އެކްސްޕާޓާއި ޕޮލްކޯއާ ދޭތެރޭ އޮތް ސެޓްލްމަންޓް އެއްބަސްވުމުގައި، އައިލެންޑް އެކްސްޕާޓުން ޕޮލްކޯއަށް 129.5 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އެހެންކަމުން އެ ފައިސާ ހޯދުމަށް ބަންޑާނަރަ ނާއިބަށް އެންގުމާއެކު، 15 ރެކޮމެންޑޭޝަނެއް ބަންޑާރަ ނާއިބަށް އަންގަން ރިޕޯޓުގައި ހިމަނަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
"މި ރިޕޯޓުގައި އަޅުގަނޑުމެން ބަަންޑާރަނާއިބަށް އަންގާ އެންގުންތައް އެންމެ ގިނައީ، ސަބަބަކީ އަޅުގަނޑުމެން 15 އެންގުމެއް ބަންޑާރަނާއިބަށް މި އަންގަނީ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އެ ފައިސާ ސަރުކާރަށް ލިބެންޖެހޭނެ ކަަމަށް ބަންޑާރަ ނާއިބަށް އެންގި ނަަމަވެސް އެ ޕްރޮޖެކްޓްގައި ހިމެނޭ އައިލެންޑް އެކްސްޕާޓުން އެ ފައިސާ ލިބުމަކީ މުސްތަހީލު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގިފައި އޮތްގޮތުން އެމީހުން އަތުން މި ފައިސާ ހޯދުމަކީ މުސްތަހީލު ކަމެއް. ސަބަބަކީ ޕޮލްކޯއާ ވެފައިވާ އެގްރީމެންޓް ޓާމިނޭޓް ކުރުމަށް ބޭއްވި ޖަލްސާގެ ޔައުމިއްޔާ އަޅުގަނޑުމެންނަށް ލިބިފަ އެބައޮތް، އެ ޔައުމިއްޔާގަ އެމީހުން ކަނޑައެޅިގެން ބުނެފަ އެބައޮތް އެމީހުން އަތުގައި އެއްވެސް ފައިސާއެއް ނެތް ކަަމަށް. އެހެންވީމަ މި ރެކޮމެންޑް ކުރަނީ އައިލެންޑް އެކްސްޕާޓުގެ ފަރާތުން ހުލުމާލޭގައި އިމާރާތްކޮށްފައި ހުރި 17 ބުރީގެ ކޮންކްރީޓް ސްޓްރަކްޗާރ ނިންމާފައިވާ އިމާރާތް މީގެ މުގާބިލުގައި އަތުލުމަށް. އެއީ އެ އިމާރާތް އަގު ކުރުމަށްފަހު. އެ އިމާރާތުގެ އަގު. އެ އަދަދާ އަޅާކިޔާފަ ސަރުކާރަށް ނެގުމަށް،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، 22000 އަކަފޫޓުގެ ބޮޑުމިނުގައި އެތަން އިމާރާތް ކޮށްފައިވަނީ 117 ޔުނިޓް ހިމެނޭ ގޮތަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ހަތަރު ކޮޓަރި އާއި މެއިޑްރޫމެއް ހިމެނޭ 26 ޔުނިޓާއި ތިން ކޮޓަރިއާއި މެއިޑް ރޫމެއް ހިމެނޭ 39 ޔުނިޓާއި ތިން ކޮތަރީގެ 13 ޔުނިޓާއި ދެ ކޮޓަރީގެ 39 ޔުނިޓް ކަމަށެވެ.
އެ އިމާރާތް ކޮށްފައިވަނީ އެޗްޑީސީގެ ބިމުގައި އެޗްޑީސީއަށް އެކުއިޒިޝަން ކޮސްޓް ނުދައްކައި ކަމަށްވެސް ވިދާޅުވިއެވެ. ނާޒިމް ވަނީ އެ ކުންފުނީގެ ހިއްސާދާރުގެ ހާލަތުވެސް ބަލަންޖެހޭ ކަަމަށް ވިދާޅުވެފައެވެ.
"އެތަނުގެ ހިއްސާދާރެއްގެ ނަމުގައި ހަތަރުފަސް ވެހިކަލް ރަޖިސްޓްރީކޮށްފަ. ހުޅުމާލޭން ބިމެއް ގަނެފަ. އެ ބިން ވިއްކާލައިފަ އެ ފައިސާ ނަގާފައިވާކަން އެނގޭ. އެ ފައިސާވެސް އޭނާގެ އަތުން ނެގެންނާ ނެގޭގޮތަށް ބަލަންޖެހޭ. އަދި އެ ހިއްސާދާރުގެ މައިންބަފައިންގެ ގެއެއް ހަދާފަ ލ. ފޮނަދޫގައި އެބަހުރި،" ނާޒިމް ވިދާޅުވިއެވެ.
ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ފެށީ، އެކަމާއި ގުޅުން ހުރި އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފާހަގަ ވެގެންނެވެ.
އޮޑިޓް ރިޕޯޓުގައި ވާގޮތުން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓް ތަކަށް ބިލިއަން ރުފިޔާ ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އެހެން ކަމުން 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.