މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުންދާ މާލެ، ގ.ގާނެޓް، ހަސަން ޔާމީން (30އ)ގެ ހަބަރެއް ނުވާ ކަމަށާއި އަދި މިހާތަނަށް ހޯދި ހޯދުންތަކުން އޭނާ ރާއްޖެއިން ބޭރަށް ފުރާފައިނުވާކަން އެނގިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ 21:25 އެހައިކަންހާއިރު ޔާމީން މާލޭގައި ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެ އެވެ.
ޔާމީން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ އިރު މިހާތަނަށް ކުރި ތަހުގީގުން އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ނުދާކަން ކަމާ ގުޅޭ އިދާރާތައް މެދުވެރިކޮށް ކަށަވަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.
އަދި އޭނާ ހޯދުމަށްޓަކައި ކުރެވެން ހުރި ހުރިހާކަމެއް މެދު ނުކެނޑި ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެގޮތުން ޔާމީން ހޯދަން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު ދިރާސާކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އަދި އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަންތަން ބަލާފާސްކުރި އިރު ތުހުމަތު ކުރެވޭ އެއްވެސް ކަމެއް އަދި ކުށުގެ އަމަލެއް ހިންގާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ނުފެެނެ އެވެ. އަދި އެޕާޓްމަންޓަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމށް ފާހަގަ ކުރެވިފައެއް ނުވެއެވެ" ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެ.
ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.