ހއ. ކެލާ ފަޅުގައި ދެ ރިސޯޓު ހަދާނެ ބަޔަކު ހޯދަން މާޗު މަހު ކޮށްފައިވާ އިއުލާނު ޓޫރިޒަމް މިނިސްޓްރީން ބާތިލު ކޮށްފިއެވެ.
މިނިސްޓްރީން ބުނީ އެ އިއުލާނު ބާތިލު ކުރަން ޖެހުނީޓޫރިޒަމް ތަރައްގީ ވެފައި ނުވެ އޮތް 6 އަތޮޅަކަށް އިންވެސްޓަރުން ޝައުގުވެރިކުރުމަށްޓަކައި ލުއިތަކެއް ދޭން ނިންމާފައިވާތީ ކަމަށެވެ. އަދި ކެލާ ފަޅުގައި ދެ ރިސޯޓު ހެދުން އެ އުސޫލުގެ ތެރެއިން އަލުން ހުޅުވާލާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ކެލާ ފަޅުގައި ހަދަން ނިންމާފައިވާ ދެ ރިސޯޓުގެ ތެރެއިން އެއް ރިސޯޓު ހަދަން 169.3 ހެކްޓަރު ދޭން އޮތެވެ. އެ ރިސޯޓުގެ އަގެއް ކަމަށް ކުރިން އޮތީ 2،032،110 ޑޮލަރެވެ. ދެވަނަ ރިސޯޓަށްވެސް 156.2 ހެކްޓަރު ދީފައިވެއެވެ. އެ ރިސޯޓުގެ އަގެއް ކަމަށް ކުރިން އޮތީ 1،996،740 ޑޮލަރެވެ.
ހއ. ކެލައަކީ މިހާރުވެސް ގެސްޓް ހައުސްގެ ވިޔަފާރި ފުޅާވަމުން އަންނަ ރަށެކެވެ. އެރަށް ލިބިފައިވާ ހިތްގައިމު ބޮނޑު ތުނޑިއަކީ ގިނަބަޔެއްގެ ޝައުގުވެރިކަން ލިބިފައިވާ ތުނޑިއެކެވެ.