ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި ރޭ އިފްތިތާހު ކުރި "މޯލްޑިވްސް 2.0″ ގެ ބޭނުމަކީ، ކުރިއަށް ހުރި އިންތިޚާބު ތަކުގައި ވޯޓުލުމުގައި، އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް، އިންތިހާބު އޮޅުވާލުން ކަމުގައި ކުރީ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މަހްލޫފު އޭނާގެ ސޯޝަލް މީޑިޔާ އެކައުންޓުގައި ވިދާޅުވީ އިލެކްޓްރޯނިކް ވޯޓިން އަކަށް ދިއުމާ އޭނާ ދެކޮޅު ކަމަށެވެ. ސަބަބެއް ކަމަށް މަހްލޫފު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ނަތީޖާ މިހާރުވެސް ދެ ގަަޑި އިރުތެރޭ ސާފުވާއިރު އަދި ޔަގީންކަމާއެކު ބޭނުން މީހަކަށް ވޯޓުދީ، ވޯޓު އޮޅުވާ ނުލެވޭނެކަން ޔަގީން ވެފައި އޮތުމެވެ.
މަހްލޫފު ވިދާޅުވީ، އިލެކްޓްރޯނިކް ވޯޓުލާ ޤައުމު ތަކުންވެސް، ވޯޓު އޮޅުވާލުމުގެ ތުހުމަތުތައް ކުރެވި، އެ ގައުމު ތަކުންވެސް އެ ނިޒާމު ދޫކޮށްލައި ކުރިން ލީ ޒިމާމަށް ބަދަލު ކުރަމުން ގެންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވޯޓާ ކުޅެން ފުރުސަތުދީ، މިނިވަންކަމާއެކު ވޯޓުލުމުގެ ހަައްގު ނިގުޅައިގަންނަން ފުރުސަތު ދޭކަށްނެތީމެވެ. ރައްޔިތުންގެ ހުރިހާ ޒާތީ މައުލޫމާތެއް، ލޯމަރާފަ ސަރުކާރުގެ އަތްމައްޗަށް ދޫކޮށްލާވަރަށް ސަރުކާރަށް އިތުބާރު ކުރެވިދާނެތޯ އެއީ މިއަދު ކޮށްލަން ރަނގަޅު ސުވާލެކެވެ." މަހްލޫފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންގެ ޚިޔާލާއި، ރައްޔިތުންގެ އިތުބާރު ނުހޯދާ މިމަސައްކަތް ކުރިއަށް ގެންގޮސްގެންވާނެ ކަމަށްވެސް ނުދެކޭ ކަމަށެވެ.