ހުޅުމާލެ ފޭސް ދޭއްގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ އެވެ.
އެ ކުއްޖާ ގެއްލުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރު އެވެ. މައްސަލަ އާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ހިޔާ ޓަވަރު އަށަކުން ސްކޫލަށް ދިޔަ އެ ކުއްޖާ ސްކޫލަށް ނުވަންނަކަން ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މީޑިއާތަކަށް ދެންމެ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ މެންދުރު 12:15 ހާއިރު ފެނިފައިވާ ކަމަށެވެ. އެ ކުއްޖާ ފެނިފައި ވަނީ ހުޅުމާލެ ފޭސް އެކަކުން ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މައްސަލަ އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.