އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރަން ވަޒީރުކަން ދޫކުރަން ނުޖެހޭ ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ޝަހީމް ވަނީ ވެރިކަންކުރާ ޕީއެންސީން ވަކިވެވަޑައިގަތުމަށް ފަހު އަދާލަތު ޕާޓީއަށް ސޮއިކުރައްވަން ނިންމަވައިފަ އެވެ. އަދާލަތު ޕާޓީން ސިޔާސީ ހަޔާތް ފެއްޓެވި ޝަހީމް މި އަހަރު ފަހުކޮޅު އޮންނަ ޕާޓީގެ ރައީސްގެ އިންތިހާބުގައި ވެސް ވާދަކުރައްވަން ނިންމެވިކަން އިއްޔެ އިއުލާންކުރައްވާފައިވެ އެވެ.
އިދިކޮޅު އެމްޑީޕީގެ ސަރުކާރު ނިމެންދެން އެ ޕާޓީއާއެކު ދެމިހުންނެވި އޭޕީގެ ރައީސް އިމްރާން އަބްދުﷲ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަހީމް ވެސް ހިމެނިވަޑައިގަންނަވާ ސަރުކާރުގެ ރައީސް މުއިއްޒުގެ ދޯހަޅިކަމުގެ ސަބަބުން ގައުމު ވެއްޓިފައިވާ ހާލަތުން ސަލާމަތްކުރަން ޖެހޭ ކަމަށެވެ. އަދި މިނިސްޓަރުކަން ދޫކުރައްވައި އަދާލަތުގެ ލީޑަރުކަން ހޯދަން މަސައްކަތް ކުރައްވާނަމަ މަރުހަބާ ދަންނަވާނެ ކަމަށެވެ.
އިމްރާންގެ ޕޯސްޓު ރިޕޯސްޓްކޮށް ޝަހީމް ވިދާޅުވީ އަދާލަތުގެ ރައީސް ކަމަށް އިންތިހާބުވެއްޖެނަމަ އެ ޕާޓީގެ ކޮންގްރެސްއިން ނިންމާ ގޮތަކަށް ޕާޓީއާއެއިގެން ކުރިއަށްދާނެ ކަމަށެވެ.
“އަދާލަތުގެ ލީޑާޝިޕަށް ވާދަކުރުމަށް ކެބިނެޓް ދޫކުރާކަށް ނުޖެހޭނެ” ޝަހީމް ވިދާޅުވި އެވެ.
ޝަހީމް އަދާލަތުން ވަކިވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމާ ދެކޮޅަށް އަދާލަތު ޕާޓީން ނުކުތް ހިސާބުންނެވެ. އޭގެ ކުރިން އަދާލަތު ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވުމަށް ފަހު މިނިސްޓަރު ކަން ވެސް އޭނާ އިސްތިއުފާ ދެއްވި އެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ޕީޕީއެމަށް ވަދެވަޑައިގެން ޔާމީންގެ ރަނިންމޭޓަކަށް އެ ފަހަރު ވަޑައިގެންނެވި އެވެ.
ޝަހީމަކީ އެންމެ ގިނަ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ބޭފުޅާ އެވެ. ރައީސް މުއިއްޒާއި ޔާމީނުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އެވެ.