ރައީސްގެ ދެކަނބަލުން ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ރައީސްގެ ދެކަނބަލުން ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ކީރިތި ގުރްއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ރައީސް ވަނީ ދަސްވެނިވި ހާފިޒުންނަށް ހާފިޒުކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ޖުމްލަ 24 ހާފިޒުންނަށް ދަސްވެނިވުނުކަމުގެ ސެޓްފިކެޓް ރައީސް ހަވާލުކޮށްދެއްވާފައިވެއެވެ.

ރައީސް އޮފީހުން މިރޭ ބުނީ މި ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ހާއްސަ ސަމާލުކަމުގެ ސަބަބުން، ކީރިތި ގުރްއާން އުނގަންނައި ދިނުމުގެ އަމަލީ މަސައްކަތް ވަނީ ކުރިއަށް ވުރެ ފުޅާވެގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ގުރްއާން ކިޔަވައިދޭ ކްލާސްތައް ހިންގެވުމަށް ނިންމެވުމާއި ގުޅިގެން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކީރިތި ގުރްއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން މުދައްރިސުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނަސްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ

ހަމައެއާއެކު ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ގާއިމުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން ހުޅުމާލޭގައި ކީރިތި ގުރްއާން ކިޔަވައިދިނުން އިތުރަށް ފުޅާކުރެވި، ވިލިމާލޭގައިވެސް ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ވަނީ ފަށާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހާފިޒުން އުފެއްދުމަށް ސަރުކާރުންދޭ ހާއްސަ އަހަންމިއްޔަތުގެ ތެރެއިން 630 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާއިރު، ކީރިތި ގުރްއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ އިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ހާފިޒުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި މިސަރުކާރުން ވަނީ ހަމަޖައްސަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިސްކިތްތަކުގެ އިމާމުންގެ ގުރްއާން ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށް "ތަޙްސީނުލް ޤުރްއާން"ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ކުރިއަށްގެންދިއުމާ، ކީރިތި ގުރްއާނުގެ ފަންނާ ހުނަރު ތަރައްގީކޮށް ކުރިއަށްގެންދިއުމުގެ ގޮތުން "މަޤާމާތުލް ޤުރްއާނިލްކަރީމް" ގެ ނަމުގައި ޕްރްގުރާމެއް ކުރިއަށް ގެންދަމުންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގެ ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ޒަމާނުއްސުރެ ޒަކާތު ފަންޑުން ކުރަމުންގެންދިޔަ މަސައްކަތެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނަވައި މިއަހަރުން ފެށިގެން އެ މުބާރާތަކީ ސީދާ ދައުލަތުގެ ބަޖެޓުން ހަރަދުކުރައްވައިގެން ކުރިއަށްގެންދާ މުބާރާތެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި މި މުބަރާތުގެ އިތުރުން ހާފިޒުންނަށް ހާއްސަ މުބާރާތެއްވެސް މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *