އީދު ހަފުތާގެ ދެ ދުވަސް ބަންދުވާނެ، އޮފީސްތައް ހުޅުވާނީ އެޕްރީލު 6 ގައި

އީދު ހަފުތާގެ ދެ ދުވަސް ބަންދުވާނެ، އޮފީސްތައް ހުޅުވާނީ އެޕްރީލު 6 ގައި

މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާޗު މަހުގެ 30 ވާ އާދިއްތަ ދުވަސް ކަމުގައި އިއުލާނުކޮށްފި ނަމަ، އީދު ބަންދުގެ ތިން ދުވަހުގެ އިތުރުން އެ ހަފުތާގެ ބުދަ ދުވަހާއި ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދުވާނެ ދުވަސްތަކެއް ކަމުގައި ކަނޑައަޅައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ މި އަހަރުގެ ފިތުރު އީދު ދުވަހަކީ މިހާރު ކަލަންޑަރުގައިވާ ގޮތުގެ މަތިން، މާޗު މަހުގެ 31 ވާ ހޯމަ ދުވަސް ކަމުގަ އެވެ. އެގޮތަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައި އިއުލާނުކޮށްފި ނަމަ، އީދު ބަންދުގެ ތިން ދުވަސް (މާޗު 31، އެޕްރީލް 1، އަދި 2) އާއެކު، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅަން ނިންމާފައިވާ ކަަމަށެވެ.

ހިނގަމުން މިދާ މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، މާޗު މަހުގެ 30 ވާ އާދީއްތަ ދުވަހަކީ އީދު ދުވަސް ކަމަށް އެ މިނިސްޓްރީން ކަނޑައަޅައިފި ނަމަ، އީދު ބަންދުގެ ތިން ދުވަސް (މާޗު 30، 31 އަދި އެޕްރީލް 1) އަށް ފަހު އެޕްރީލް 2 ވާ ބުދަ ދުވަހާ އަދި އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެގޮތަށް ހަމަޖެއްސީ ފިތުރު އީދުގެ ބަންދާ ގުޅިގެން އާއިލާ އާއެކު ވީހާވެސް ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މެދުނުކެނޑޭހެން ބަންދު ދުވަސްތަކެއް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސައިދިނުމަށް ކަމުގަ އެވެ.

އެގޮތަށް ހަމަޖެއްސުމުން ފިތުރު އީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ އަންނަ އެޕްރީލް މަހުގެ 6 ވާ އާދީއްތަ ދުވަހު ކަމަށް ވެސް އެ އޮފީހުގެ ދެންނެވުމުގައި ފާހަގަކޮށްފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *