ފަނޑިޔާރުން ވަކިކުރާ ބިލަށް ޕީއެންސީގެ ހުރިހާ މެންބަރުން ތާއިދުކުރަން އަންގައިފި

ފަނޑިޔާރުން ވަކިކުރާ ބިލަށް ޕީއެންސީގެ ހުރިހާ މެންބަރުން ތާއިދުކުރަން އަންގައިފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ބެންޗު ކުޑަކުރަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަ ބިލަށް ޕީއެންސީގެ ހުރިހާ މެންބަރުން ތާއިދުކުރަން ޕީއެންސީގެ ޕާލަމަންޓަރީ ގްރޫޕޫ (ޕީޖީ) ލީޑަރު އިބްރާހިމް ފަލާހު މެންބަރުންނަށް މިރޭ އަންގަަވައިފި އެވެ.

ޕީއެންސީ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ފަލާހު ވަނީ މާދަމާ އޮންނަ އެ ބިލުގެ އިބްތިދާއި ބަހުސް ގައި ހުރިހާ މެންބަރުން ބިލަށް ތާއިދުކޮށް ވާހަކަ ދެއްކުމަށް އެދިވަޑައިގެންފަ އެވެ.

"ހުރިހާ މެންބަރުންވެސް ބިލަށް ތާއިދުކޮށްދެއްވައި ބަހުސްކޮށްދެއްވާ، ބަހުސް މަރުހަލާގައިވެސް ބިލަށް ތާއިދުކޮށް ވާހަކަފުޅު ދެއްކެވުން އެދެން" ފަލާހުގެ މެސެޖުގައި ވިދާޅުވި އެވެ.

އެ ބިލަށް ތާއީދު ކުރުމަށް ޕާޓީގެ ލީޑާޝިޕުން ނިންމާފައިވާ ކަމަށް ފަލާހު މިރޭ ހާމަކުރެއްވިއިރު، އެ ބިލާ ގުޅޭ ގޮތުން ޕީއެންސީގެ ޕީޖީ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. މިކަމާ ގުޅޭ ގޮތުން މިއަދު ޕީޖީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. ބިލާ އެއްކޮޅަށް ވާހަކަ ދެއްކެވީ ފަސް މެންބަރުންނެވެ.

މި ބިލާ ގުޅޭ ގޮތުން ސަރުކާރުން ވެސް ރަސްމީކޮށް އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި މި ބިލަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ހުށަހެޅި ބިލެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *