ކްރިމިނަލް ކޯޓުގެ ގާޒީ އަކަށް އޭނާ ނުފޫޒުފޯރުވި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ފަނޑިޔާރުން ތިއްބަވާ ވައިބާ ގްރޫޕެއްގައި މަހާޒު ވަނީ އޭނާގެ މައްސަލައެއް ޖޭއެސްސީން ބަލަމުންދާ ކަމަށް އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރެއްގެ ލިންކާއެކު މެސެޖެއް ލިޔުއްވާފައެވެ.
މަހާޒު ވިދާޅުވީ އޭނާ ނުފޫޒުފޯރުވި ފަނޑިޔާރަކު ކްރިމިނަލް ކޯޓުގައި ހުރިނަމަ ނުފޫޒުފޯރުވިގޮތެއް ވެސް އެ ފަނޑިޔާރަކު އަންގާލަންވާނެ ކަމަށެވެ.
"ސީއާރްސީގެ މި ފަނޑިޔާރު ހުރިއްޔާ އަންގާލަންވާނެ، ނުފޫޒު ފޯރުވިގޮތެއް ވެސް،" މަހާޒު ވިދާޅުވިއެވެ.
މަހާޒަށް ކުރާ ތުހުމަތަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒުފޯރުވި ކަމަށް ބުނެ ކުރާ ތުހުމަތެކެވެ. ނަމަވެސް އެއީ ތެދެއްކަމަށް ބުއްދި ގަބޫލުކުރެވޭވަރުގެ ހެއްކެއް މިހާތަނަށް ދެއްކިފައެއްނުވެއެވެ.