މާލޭގައި މިރޭ މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ ކަނބާއައިސާރަނި ހިނގުން، އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް މިރޭ 8:41 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ޒަހަމްވި ދިވެހި ފިރިހެން މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މާރާމާރީއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި ސައިކަލްގައި އައި ދެ މީހުންގެ ތެރެއިން ފަހަތުގައި އިން މީހާ އަތުގައި އޮތީ މަރުތޭލެކެވެ. މަރުތޭލުން ޖަހައި އެ ސަރަހައްދުގައި ހުރި މީހެއްގެ ބޯ ފަޅާލާފައި ދެ މީހުން ވެސް ވަނީ ފިލައިގެން ގޮސްފައެވެ.
އެމީހުން އެ ސަރަހައްދު ދޫކޮށް ދިޔައީ، ސައިކަލް ވެސް ދޫކޮށްލުމަށް ފަހުގައެވެ.