ސަރުކާރުން ހުޅުވާ ބީލަންތައް ކާމިޔާބުކުރުމަށް މަކަރު ހެދުމާއި މަސައްކަތާ ހަވާލުވުމަށް ފަހު މަސައްކަތް ނުކުރުން ފަދަ ކަންކަން ކުރާ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ފިޔަވަޅު އަޅާނެ އުސޫލު އާންމުކޮށް މިދިޔަ ބުދަދުވަހު އަމަލުކުރަން ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި އެ އުސޫލަށް ކިޔަނީ " ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ބީލަންވެރިންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކުރުމާއި ވަކި މުއްދަތަކަށް ބީލަމެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑު ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.
އެ އުސޫލު ގެޒެޓުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގަ އެވެ.
އުސޫލުގެ މަގްސަދު ކަމަށް ބަޔާންކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފުވާ ބީލަންވެރިންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކޮށް ސަސްޕެންޑު ކުރާނެ އުސޫލުތައް ކަނޑައެޅުމެވެ. އަދި ދައުލަތުގެ ޕްރޮކިއުމަންޓުތަކުގެ ނަޒާހާތްތެރިކަން ކަށަވަރުކޮށް، ދެފުށް ފެންނަ ސިޔާސަތުތަކެއް ގެންގުޅުމުގެ އިތުރުން ފިޔަވަޅު އެޅޭނެ ފަދަ އަމަލުތަކުން ކޮންޓްރެކްޓަރުން ދުރުކުރުން ހިމެނުމަކީ ވެސް އުސޫލުގެ މަގުސަދެއް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
އުސޫލުގައިވާ ގޮތުން ފިނެންސް މިނިސްޓްރީން "ޕްރޮކިއުމެންޓް އެޕީޅް ބޯޑުން" އެކުލަވަލައިލަންޖެހެ އެވެ. އުސޫލާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ބަލައި ޖޫރިމަނާކޮށް ސަސްޕެންޑުކުރުމާއި ބީލަމުގެ މައްސަލަތައް ބަލަނީ އެ ބޯޑުންނެވެ.
އޭގައިވާ ގޮތުން ކޮންޓްރެކްޓަރުން، ސަޕްލަޔަރުން އަދި ބީލަންވެރިންނާ މެދު ފިޔަވަޅު އެޅޭނެ ތަފާތު 16 ހާލަތެއް ވަނީ ބަޔާންކޮށްފަ އެވެ.
އެ ހާލަތްތަކަކީ:
ބީލަމުގެ މަރުހަލާގައި ސައްހަ ނޫން ލިޔުން ހުށަހަޅުމާއި އެފަދަ މައުލޫމާތު ދިނުމާއި މައުލޫމާތު ފޮރުވުން
އުސޫލާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާނެ ގޮތް
އުސޫލާ ހިލާފުވާ ފަރާތްތައް ސަސްޕެންޑު ކުރާނެ ގޮތް
ފުރަތަމަ ފަހަރު – 3 މަހާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް
ދެ ވަނަ ފަހަރު – 2 – 3 އަހަރާ ދެމެދުގެ މުއްދަތަކަށް
އިތުރުވާ ފަހަރުތަކަށް – 5 އަހަރުގެ މުއްދަތަކަށް
ސަސްޕެންޑް ކުރާ މައްސަލަތަކުގައި މައްސަލަ ރައްދުވާ ފަރާތުން އެއްވެސް ސެކިއުރިޓީއެއް ނަގާފައިވާނަމަ އެ ފައިސާ ހިފަހައްޓައި ސަސްޕެންޑުކުރުމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
ފިޔަވަޅު އެޅުމުގެ ކުރިން ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް ދީ، އެ މައްސަލައެއް އިތުރަށް ބަލައި ދިރާސާކުރާނެ އެވެ.