ހުސްވި މަހު މީރާއަށް 2.30 ބިލިއަން ރުފިޔާގެ އާންމުދަނީއެއް ލިބިއްޖެ

ހުސްވި މަހު މީރާއަށް 2.30 ބިލިއަން ރުފިޔާގެ އާންމުދަނީއެއް ލިބިއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 2.30 ބިލިއަން ރުފިޔާގެ ރެކޯޑު އާމްދަނީއެއް ބަލައިގަތް ކަމަށް މީރާއިން ބުނެފިއެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 93.1% އިތުރު އަދަދެކެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރުމަހަށް އަންދާޒާކުރި އަދަދަށްވުރެ 28.7% އިތުރު އަދަދެކެވެ.

މީރާއިން ހާމަކުރި ތަފާސްހިސާބު ތަކުން ދައްކާގޮތުގައި، މި އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ ޖުމުލަ އާމްދަނީގެ 44.5% ނުވަތަ 1.02 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 15.7% ނުވަތަ 360.78 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު އާމްދަނީ މިހާ ބޮޑުތަން އިތުރުވުމުގެ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި މީރާއިން ފާހަގަ ކޮށްފައިވާ ކަންކަން ތިރީގައި އެވަނީއެވެ.

  1. ޖީ.ޖީ.އެސް.ޓީ، ޓީ.ޖީ.އެސް.ޓީ އަދި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން
  2. ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީގެ އަދަދު އިތުރުވުން
  3. ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނަށް ގެނެވުނު 13 ވަނަ އިސްލާހާ ގުޅިގެން ރިސޯޓުތަކުގެ ލީސް ޕީރިއަޑް 99 އަހަރަށް އިތުރުކުރުން
  4. ސެޕްޓެމްބަރު 2024 ގައި ފަތުރުވެރިން ޒިޔާރަތްކުރި އަދަދު އަންދާޒާކުރި މިންވަރަށްވުރެ 8.1% އިތުރުވުން

މީރާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރާ ޚިލާފަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ސުންގަޑި ތަކަށް ބަދަލެއް ގެނެސްފައި ނުވާތީ، ޖީ.އެސް.ޓީ، ކޯޕަރޭޓް އިންކަމް ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީ ގަވާއިދުން ބަލައިގަނެވިފައިވެއެވެ.

މި ނަތީޖާތަކުން ދައްކައިދެނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި އަދި ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާ ރަނގަޅުވަމުން އަންނަ މިންވަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *