ކޮރެއާ ކުންފުންޏަކަށް 3.3 މިލިޔަން ޑޮލަރުދޭން އެމްއޭއެމަށް ޖެހިއްޖެ

ކޮރެއާ ކުންފުންޏަކަށް 3.3 މިލިޔަން ޑޮލަރުދޭން އެމްއޭއެމަށް ޖެހިއްޖެ

ކޮރެއާގެ ކުންފުންޏަކަށް 1 މަސް ދުވަހުގެ ތެރޭގައި 3.3 މިލިޔަން ޑޮލަރު ދޭން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

މިއީ ކޮރެއާގައި ރަޖިސްޓްރީ ކޮށްފައިވާ "ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑް" އާއި އެފްއޭއެމް އާއި ދެމެދު 20 މާޗް 2021 ގައި ސޮއި ކުރި އެއްބަސް ވުމުގެ ދަށުން ވިލިމާލެ އާއި ހުޅުމާލޭގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑު ތަކެއްގެ މަސައްކަތުގެ އަގު ދީފައިނުވާތީ އެފްއޭއެމާ ދެކޮޅަށް އެކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ކޮރެއާ ކުންފުނިން ކޯޓުގައި ބުނެފައިވަނީ އެފަރާތުން ކޮށްފައިވާ އެކި މަސައްކަތުގެ އަގުގެ ގޮތުގައި 1.1 މިލިޔަން ޑޮލަރާއި، 1.9 މިލިޔަން ޑޮލަރުގެ އިތުރުން ހުޅުމާލެ ރިކޮންސްޓްރަކްޝަން މަސައްކަތުގެ އަގަށްވާ 122،000 ޑޮލަރާއި ރިކުއާމެންޓަށް ބަދަލު ގެނައުމުގެ އަގަށްވާ 122،000 ޑޮލަރާއެކު ޖުމްލަ 3.3 މިލިޔަން ޑޮލަރު އެއްބަސްވުމުގެ ދަށުން އެފްއޭއެމުން އެފަރާތަށް ދޭންޖެހޭ ކަމަށެވެ.

އަދި އެފައިސާ ނުދެއްކުމުގެ ސަބަބުން މާލީގޮތުން ވެފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، އެފްއޭއެމަށް ލީގަލް ނޯޓިސް ފޮނުވައި ތާރީޚު ކަމަށްވާ 28 ފެބްރުއަރީ 2023 ންފެށިގެން، ކޮންމެ މަހަކަށްވާ ޖުމްލަ އަގުގެ 6 އިންސައްތައަށްވާ 202،920 ޑޮލަރުގެ އަގުގެ 10 މަސް ދުވަހަށްވާ 2 މިލިޔަން ޑޮލަރާއި، ލީގަލް ފީގެ ގޮތުގައި ޚަރަދު ކުރަން ޖެހުނު 500،000 ޑޮލަރާއެކު ޖުމްލަ 5.9 މިލިޔަން ޑޮލަރު އެފްއޭއެމުން ދޭންޖެހޭ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެ ފައިސާ ދެއްކުމަށް އެފްއޭއެމުން އެދުނު ލުއިތައް ދިން ނަމަވެސް އެއާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ ކަަމަށްވެސް ކުންފުނިން ބުނެފައިވެއެވެ. އެހެންކަމުން އެފައިސާ އެކީ އެއްފަހަރާ އެފްއޭއެމްގެ ފަރާތުން އެ ކުންފުންޏަށް ނަގައި ދިނުމަށް ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ބުނެފައި ވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 2 މިލިޔަން ޑޮލަރު ހޯދަން އެދިފައިވާއިރު، ދެފަރާތުންގެ އެއްބަސްވުމުގައި ގެއްލުމުގެ ބަދަލުގެ ވާހަކަ ނެތް ކަމަށެވެ. އެހެން ކަމުން އެފައިސާ ނަގައިދެވޭނެ ޝަރުއީ އަދި ޤާނޫނީ ހަމައެއްނެތް ކަމަށްވެސް ބުނެފައިވެއެވެ. އަދި ލީގަލް ފީގެ ގޮތުގައި 500،000 ޑޮލަރު ހޯދަން ހުށަހަޅާފައިވާއިރު، އެއީ އެކަށީގެންވާ ހާލަތެއްގައި ކުރި ޚަރަދެއްތޯ، އާއި އެ ޚަރަދުގެ އަދަދުތަކަކީ މުނާސަބު އަދަދު ތަކެއްކަން އެނގޭފަދަ ތަފްސީލެއް ހުށަހަޅާފައި ނުވާތީ އެ ފައިސާ ނަގައިދެވެން ނެތްކަަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ފުޓްބޯޅަ ދަނޑު ތަކުގެ އަގުގެ ގޮތުގައި ހޯދުމަށް ހުށަހަޅާފައިވާ 1.1 މިލިޔަން ޑޮލަރާއި، 1.9 މިލިޔަން ޑޮލަރުގެ އިތުރުން، ހުޅުމާލެ ރިކޮންސްޓްރަކްޝަން މަސައްކަތުގެ އަގަށްވާ 122،000 ޑޮލަރާއި ރިއުއާމެންޓަށް ބަދަލު ގެނައުމުގެ އަގަށްވާ 122،000 ޑޮލަރާއެކު ޖުމްލަ 3.3 މިލިޔަން ޑޮލަރަކީ އެކުންފުންނަށް އެމްއޭއެމުން ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.

އެހެން ކަމުން އެފައިސާ އެކުންފުންނަށް ލިބިދިނުމުގެ ގޮތުން، މި މައްސަލައިގައި ހުކުމްކުރި ދުވަސް ކަމަށްވާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް، ކޯޓުން ވަނީ އެފްއޭއެމްއަށް އަމުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *