ރާއްޖެއަށް މިހާރު ދިމާވެފައިވާ ބޭރުފައިސާގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން، މަނީޗޭންޖިން ވިޔަފާރިއާއި ބެހޭ ގަވާއިދަށް ގެނައި ބަދަލު ތަކުގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ގެއްލުންވެ، ގައުމުގެ އިގްތިސޯދަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްއެމްއޭއިން އިއްޔެ ވަނީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އެމެރިކާ ޑޮލަރުން ލިބޭ އާމްދަނީން ބައެއް ރާއްޖޭގެ ބޭންކު ތަކަށް މާރު ކުރަންޖެހޭ ގޮތަށް ގަވާއިދެއް ހަދައި އަމަލު ކުރަން ފަށާފައެވެ. އެމްއެމްއޭއިން އަލަށް ހެދި ގަވާއިދުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކިން ސިސްޓަމަށް ވެއްދުމެވެ. އެ ގަވާއިދުގައިވާ ގޮތުން ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ވަރަކަށް ޑޮލަރު ބޭންކަކަށް ރުފިޔާއަށް މާރު ކުރަންޖެހެއެވެ. އެކަމަށް ދެ ކެޓަގަރީއެއް އެމްއެމްއޭއިން ވަނީ ކަނޑައަޅައިފައެވެ.
އެކަމާއި ގުޅިގެން ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭރުފައިސާއާއި ބެހޭ ގަވާއިދާއި މަނީޗޭންޖިން ވިޔަފާރިއާއި ބެހޭ ގަވާއިދަށް ގެނައި ބަދަލުތައް ގެނެސްފައި ވަނީ ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށްގެން ނޫން ކަމުގައިވާތީ އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިކަމުގެ ސީދާ އަސަރު ކުރާނެ އެއްބަޔަކީ ރާއްޖޭގެ އެންމެބޮޑު ސިނާޢަތު ކަމުގައިވާ ފަތުރުވެރިކަމަށް ވާއިރު، ރިސޯޓުތަކާއި ގެސްޓް ހައުސްތަކާއި އަދި ލިވަބޯޑުގެ މަޝްވަރާ ހޯދާ އަދި އެފަރާތްތަކުގެ ކަންބޮޑުވުން ތަކަށް ސަރުކާރުން ރިޢާޔަތް ކުރުމަކީ މުހިންމު ކަމެކެވެ. ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމަށް އަޅާ ފިޔަވަޅެއްގެ ސަބަބުން އެންމެ ބޮޑު ސިނާޢަތަށް ގެއްލުމެއްލިބުމަކީ މައްސަލަ ހައްލުވުމުގެ ބަދަލުގައި މުޅި އިގްތިސޯދަށް އިތުރު ގެއްލުން ލިބިދާނެކަމެކެވެ" ޝާހިދު ވިދާޅުވިއެވެ.