ރިސޯޓު ތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރު ކޮށްފި

ރިސޯޓު ތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރު ކޮށްފި

ރާއްޖޭގައި ހިންގާ ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން, ބޭންކަކަށް މާރުކުރަން ޖެހޭގޮތަށް ލާޒިމު ކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން މިއަދު ވަނީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އެމެރިކާ ޑޮލަރުން ލިބޭ އާމްދަނީން ބައެއް ރާއްޖޭގެ ބޭންކު ތަކަށް މާރު ކުރަންޖެހޭ ގޮތަށް ގަވާއިދެއް ހަދައި އަމަލުކުރަން ފަށާފައެވެ. އަލަށް ހެދި އެ ގަވާއިދަށް މިއަދު އަމަލު ކުރަން ފެށުމާއެކު 1 މާޗު 1987 އިން ފެށިގެން މިހާތަނަށް އަމަލު ކުރަމުން އައި ގަވާއިދު ވަނީ އުވިފައެވެ.

އެމްއެމްއޭއިން އަލަށް ހެދި ގަވާއިދުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކިން ސިސްޓަމަށް ވެއްދުމެވެ. އެ ގަވާއިދުގައިވާ ގޮތުން ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ވަރަކަށް ޑޮލަރު ބޭންކަކަށް ރުފިޔާއަށް މާރު ކުރަންޖެހެއެވެ. އެކަމަށް ދެ ކެޓަގަރީއެއް އެމްއެމްއޭއިން ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން ކެޓަގަރީ "އޭ" ގައި ހިމެނެނީ ޓޫރިސްޓް ރިސޯޓްތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓުތަކާއި ރިޒޯޓް ހޮޓާތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތައް އަދި އެނޫންވެސް އެފަދަ ތަންތަނެވެ. ގަވާއިދުގައިވާ ގޮތުން އެ ކެޓަގަރީގެ ތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށްޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރު ކުރަން ލާޒިމުވާނެއެވެ.

ކެޓަގަރީ "ބީ" ގައި ވަނީ ޓޫރިސްޓް ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ. އެ ކެޓަގަރީގެ ތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށްޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ގަވާއިދުގައިވާ ގޮތުން އެ ފައިސާ މާރުކުރަން ޖެހެނީ މީލާދީ މަސް ނިމި، އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ. އެހެންކަމުން މި ގަވާއިދަށް މިއަދު އަމަލު ކުރަން ފެށި ނަމަވެސް ޓޫރިސްޓް ފެސިލިޓީއަކުން ބޭންކަކަށް ޑޮލަރު މާރުކުރަން ޖެހޭނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ވަކި ހާލަތްތަކެއްގައި އެއަށްވުރެ މަދުން މާރު ކުރުމުގެ ހުއްދައަށް އެމްއެމްއޭގައި އެދެވިދާނެއެވެ.

އެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ:

ބޭރުފައިސާ އިން ޓެކްސް ދެއްކުން
މާލީ އިދާރާއަކަށް ބޭރު ފައިސާ އިން ދަރަނި ދެއްކުން
ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރު ފައިސާގެ އިލްތިޒާމުތައް
އޮތޯރިޓީން ހުއްދަދޭ އެހެންވެސް ބޭރު ފައިސާގެ އިލްތިޒާމުތައް
އެ ގަވާއިދުގައި އިތުރަށް ބުނީ، ބޭންކު ތަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓް ޖެހިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން އޮތޯރިޓީއަށް ވިއްކަން ޖެހޭނެ ކަމަށެވެ. އަދި ބޭންކު ތަކަށް މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ތަފުސީލު އެމްއެމްއޭއަށް ހުށަހަޅަންވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *