ކޮޅުފުށީ 100 ހައުސިން ޔުނިޓްގެ ބަދަލު ހޯދަން ހުށަހެޅި މައްސަލަ ބާތިލް ކޮށްފި

ކޮޅުފުށީ 100 ހައުސިން ޔުނިޓްގެ ބަދަލު ހޯދަން ހުށަހެޅި މައްސަލަ ބާތިލް ކޮށްފި

މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓް ގާއިމް ކުރުމުގެ މަސައްކަތް ހަވާލުކުރި ކުންފުނި ތަކަށް ލިބުނު ގެއްލުމަށް ދައުލަތުން ޒިންމާވާން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި، އެކަމުގައި ކުންފުނި ތަކުން އަމަލު ކުރި ގޮތުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރި ދައުވާ ކޯޓުން ބާތިލް ކޮށްފިއެވެ.

ކޮޅުފުށީގެ ހައުސިން މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ ޕްރިސިޝަން އިންޖީނިއަރިން ސާވިސަސްއާއި ޕީއީއެސް މެރިން ސާވިސަސް ކުންފުންޏާއެވެ. އެ ދެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް ފަހުން އެ އެއްބަސްވުން ދައުލަތުން ބާތިލް ކުރިއެވެ. އެކަމާ ގުޅިގެން އެ ދެކުންފުނިން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރިއެވެ.

އެ ދައުވާގައި އެ ދެ ކުންފުނިން ބުނެފައި ވަނީ އެ އެއްބަސްވުމަށް އަމަލު ނުކުރަން ދައުލަތުން ނިންމާފައި ވަނީ، ހައުސިން ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ތެރޭގައި އެ ކުންފުނިތަކުގެ އަމިއްލަ ބާރުގެ ބޭރުން ހިނގާފައިވާ ކަންކަމާއި، ހައުސިން މިނިސްޓްރީގެ ސަބަބުން ކުރިމަތިވެފައިވާ ޑިލޭތަކަށް ރިއާޔަތް ކުރުމެއްނެތި ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ އެއްބަސްވުމުގެ މުއްދަތު މިނިސްޓްރީން ގުނާފައި ވަނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާގޮތާ ޚިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.

އެކަންކަމުގެ ސަބަބުން އެ ކުންފުނި ތަކަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާތީ އާއި އެކަމުގައި ދައުލަތުން ޒިންމާއުފުލަންޖެހޭ ކަންކަމާހުރެ، ޕްރޮޖެކްޓް ޑިލޭވުމުގެ ސަބަބުން އެ ކުންފުނިތަކުން އިތުރަށް ހިނގާފައިވާ ހަރަދުތަކަށާއި، ވެފައިވާ ގެއްލުމަށް ދައުލަތުން ޒިންމާ އުފުލަންޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެ ދެކުންދުނިން ސިވިލްކޯޓުގައި ވަނީ އެދިފައެވެ.

މި ދައުވާއަށް ޖަވާބުދާރީ ވުމަށް ކޯޓުން ދައުލަތަށް ފުރުސަތު ދީފައި ވަނިކޮށް، ދައުވާފޯމް އިސްލާހުކޮށް މައްސަލަ އަލުން ހުށަހަޅަން ބޭނުންވާ ކަމަށްބުނެ، މުޅި ދައުވާ އަނބުރާ ގެންދިއުމަށް 28 އޯގައްޓް 2022 ގައި އެ ދެކުންފުނިން ކޯޓުގައި އެދުނެވެ.

ނަމަވެސް ދެ ކުންފުނީގެ އެ ހުށަހެޅުން ބާތިލްކޮށް ދިނުމަށް ހައުސިން މިނިސްޓްރީން 28 ސެޕްޓެމްބަރު 2022 ގައި ކޯޓުގައި އެދުނެވެ. އެކަމާއި ގުޅިގެން ދައުވާފޯމް އިސްލާހުކޮށް މައްސަލަ އަލުން ހުށަހެޅުމަށްޓަކައި ދައުވާ އަނބުރާ ގެންދިއުމަށް ދެ ކުންފުނިން ހުށަހެޅި ހުށަހެޅުން ބަލައި ނުގަތުމަށް ކޯޓުން ނިންމިއެވެ.

އެއާއި ގުޅިގެން އެ ދައުވާއަށް އިންކާރުކޮށް ހުށަހެޅި ދިފާއާއި ގުޅިގެން ހައުސިން މިނިސްޓްރީން އިތުރު ދައުވާއެއް ހުށަހެޅިއެވެ. އެއީ 100 ހައުސިންޔުނިޓް ގާއިމް ކުރުމަށް އެކުންފުނިތަކާއެކު ހެދި އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރަން ނިންމާފައި ވާތީ، އެ އެއްބަސްވުމުގެ ދަށުން އެ ފަރާތްތަކަށް ދީފައިވާ އެޑްވާންސް ފައިސާގެ ތެރެއިން ނުލިބިވާ 9.2 މިލިޔަން ރުފިޔާ އާއި އެކަމުގެ ތެރޭގައި ލިކިއުޑޭޓެޑް ޑެމެޖުގެ ގޮތުގއި އަރާފައިވާ 10.7 މިލިޔަން ރުފިޔާ ހޯދުމަށް ކުރި އިތުރު ދައުވާއެކެވެ.

ނަމަވެސް އެ މައްސަލައިގެ އަސްލު ދައުވާ އާއި އިތުރު ދައުވާގެ ލިއުން ބަދަލު ކުރުމުގެ މަރުހަލާ ފުރިހަމަ ކުރުމަށްފަހު، 10 މެއި 2023 ގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމުގެ ފުރުސަތަކަށް އެދުނެވެ.

އެހެން ކަމުން އެކަމަށް 30 ދުވަހުގެ ނުއްދަތެއް ކޯޓުން ދިނެވެ. ނަމަަވެސް އެ މުއްދަތުގައި މައްސަލަ ހައްލު ކުރެވިފައިނުވާތީ މައްސަލަ ހައްލު ކުރުމަށް އިތުރު ވަގުތުދިނުމަށް ދައުވާކުރި ފަރާތުންހުށަހެޅުމާ ގުޅިގެން ކޯޓުން ވަގުތު އިތުރު ކޮށްދިނެވެ.

ނަމަވެސް މިދިޔަ ޖޫންމަހުގެ ތިންވަނަ ދުވަހާއި 11 ވަނަ ދުވަހަށް މި މައްސަލަިއގެ އަޑުއެހުމެއް ތާވަލް ކުރި ނަމަވެސް މައްސަލަ ހުށަހެޅި ދެ ކުންފުނީގެ ވަކީލުގެ އެދުމުގެ މަތިން ކެންސަލް ކުރިއެވެ.

މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ކޯޓުން ބޭރުން ހައްލު ކުރުމަށްޓަކައި އަޑުއެހުންތައް ދެ މަސްދުވަހުގެ މުއްދަތަށް މެދުކަނޑައިލުމަށް ދައުވާ ހުށަހެޅި ފަރާތްތަކުން އެދުނެވެ. ނަމަވެސް ދައުލަތުން އެދުނީ ދައުވާކުރާ ފަރާތުން ހަތް ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީއާ ބައްދަލުކޮށް މައްސަލަ ހައްލު ކުރުމުގެ މަޝްވަރާތައް ފެށުމަށާއި، އެ މުއްދަތުގެ ތެރޭގައި އެކަން ނުކުރާނަމަ މައްސަލައިގެ ޝަރިއަތުގެ މަރުހަލާ ކުރިއަށް ގެންގޮސް ނިންމައި ދިނުމަށެވެ.

 

އޭގެފަހުން މި މައްސަލައިގެ އަޑުއެހުމެއް އިއްޔެގެ 10:00 އަށް ތާވަލްކޮށް އޮގަސްޓް 19 ގައި ކޯޓަށް ހާޒިރު ވުމުގެ އަމުރު ދައުވާގައި ހިމެނޭ ފަރާތްތަކަށް ފޮނުވާފައި ވަނިކޮށް، އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދި އިއްޔެ ހެނދުނު 8:45 ގައި ދައުވާކުރާ ފަރާތުގެ ވަކީލު ކޯޓަށް މެއިލް ކުރިއެވެ.

އެ މެއިލްގައި ބުނެފައިވަނީ، ދަތުރު މައްޗެއްގައި އުޅޭ ވާހަކައެވެ. އެހެންކަމުން އިއްޔެގެ އަޑުއެހުމަށް ވަޑައިނުގެންނެވޭނެތީ އަޑުއެހުން ރީޝެޑިއުލް ކޮށްދިނުމަށް ވަކީލު އެދިފައިވެއެވެ.

ސިވިލްކޯޓަށް މީހުން ހާޒިރު ކުރުމުގެ ގަވާއިދުގައި ވާގޮތުން، ދައުވާގައި ހިމެނޭ ފަރާތްތައް ކޯޓަށް ހާޒިރު ނުވެވޭގޮތަށް ފުރައިގެން ދާންވާނީ، ކޯޓުގެ ހުއްދަ ލިބިގެންނެވެ. އަދި އެ ގަވާއިދުގައި ވާފަދަ ސަބަބެއް މެދުވެރި ވެފައިވާނަމަ އެ ސަބަބު ބަޔާންކޮށް، ކޯޓަށް ހާޒިރުވާންޖެހޭ ގަޑީގެ ދެ ގަޑިއިރު ކުރިން، އެކަން ކޯޓަށް ނާންގައިފިނަމަ ބަލާނީ ކޯޓަށް ހާޒިރުނުވީ ކަމުގައި ކަަމަށްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް މި މައްސަލައިގައި ދައުވާކުރާ ފަރާތުގެ ވަކީލު އެ ކަންތައްތަކުގެ ހުއްދަ ނަގައިފައެއްނުވެއެވެ.

އެހެންކަމުން އެ ދެ ކުންފުނިން ދައުލަތުގެ މައްޗަށް ކުރި ދައުވާ ބާތިލް ކަމަށް އިއްޔެ ވަނީ ކޯޓުން ހުކުމް ކޮށްފައެވެ. އަދި މި ދައުވާގެ އަސްލަށް ބަލައި، ބަދަލު ހޯދުމަށް ދައުލަތުން ހުށަހެޅި އިތުރު ދައުވާއަކީ މި ދައުވާއާއެކު ކުރިއަށް ގެންދާ ދައުވާއެއް ކަމަށްވާތީ، ދައުލަތުން ހުށަހެޅި ދައުވާވެސް ބާތިލް ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *