ޝާހިދު، ޚާރިޖީ ވަޒީރު ކަމުގައި ހުންނެވިއިރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅެއްގައި އިންޑިޔާގެ ބޮޑުވަޒީރު މޯދީއާއެކު އޮތް ރަސްމީ ބައްދަލުވުމެއްގެ ތެރެއިން

50 މިލިޔަން ޑޮލަރު ދެއްކުން އިންޑިޔާއިން ފަސްކޮށްދިނުން- ވަރަށް އުފާ ވެއްޖެ، ޝުކުރިއްޔާ އިންޑިޔާ: ޝާހިދު

50 މިލިޔަން ޑޮލަރު ދެއްކުން އިންޑިޔާއިން ފަސްކޮށްދިނުން- ވަރަށް އުފާ ވެއްޖެ، ޝުކުރިއްޔާ އިންޑިޔާ: ޝާހިދު

ރާއްޖެއާއި އެންމެ ކައިރީގައިވާ އިންޑިޔާއަކީ ދެގޮތެއް ނުވާނެ ރާއްޖޭގެ ރަޙްމަތްތެރި ގައުމެއްކަން އިންޑިޔާއިން ދަނީ ސާބިތު ކޮށްދެމުން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން، އިންޑިޔާގެ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލު ދެއްކުން އިންޑިޔާ ސަރުކާރުން ވަނީ އެއް އަހަރު ދުވަހަށް ފަސްކޮށްދީ އެކަން ދިވެހި ސަރުކާރަށް އެންގުމާއި ގުޅިގެން، ޝާހިދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން، އިންޑިޔާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލު ދެއްކުން، އެމަޖެންސީ ފައިނޭންޝިއަލް އެސިސްޓެންސްގެ ދަށުން އިންޑިޔާއިން އެއް އަހަރަށް ދުވަހަށް ފަސްކޮށް ދިނުމުން ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ. އަދި އެކަމަށްޓަކައި އިންޑިޔާ ސަރުކާރަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"ދިވެހި ސަރުކާރާއި އިންޑިޔާއާއި ދެމެދު ޚާރިޖީ ސިޔާސަތު ނުތަނަވަސްވެފައި ވަނިކޮށް އަދި އިގްތިސޯދު މެނޭޖު ކުރުމުގައި ދިވެހި ސަރުކާރުން ގޯސް ތަކެއް ހަދާފައިވާ މި ދަނޑިވަޅުގައިވެސް އިންޑިޔާއިން ދަނީ އެއީ ޓެސްޓް ކުރެވިފައިވާ ގާތް ރަހުމަތްތެރިއެއްކަން ސާބިތު ކޮށްދެމުން" ޝާހިދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައި ސަރުކާރުން ވަނީ އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފައެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގައެވެ. އޭގެތެރެއިން މިދިޔަ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފައެވެ. ބާކީ ނުދައްކާ ހުރި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ މޭ މަހު އަނބުރާ ދައްކަން ޖެހިފައި ވަނިކޮށް އެ ފައިސާވެސް އިންޑިޔާ ސަރުކާރުން އިތުރު އެއް އަހަރަށް އެ މަހު ދަންމާލިއެވެ. ނަމަވެސް ތިން ވަނަ ޓީ ބިލް ދެއްކުމުގެ މުއްދަތު މި މަހު ހަމަވެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންޑިޔާ ސަރުކާރުން ދަރަނި ދެއްކުން ފަސްކޮށްދީފައި ވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިދިޔަ މޭ މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ކުރެއްވި މަޝްވަރާތަކާއި ގުޅިގެން ކަމަށެވެ.

"ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރު ކުރުމަށް އިންޑިޔާ ސަރުކާރުން ނިންމައިފިއެވެ. މިއީ މި އަހަރުގެ ޓްރެޜަރީ ބިލުގެ ދެވަނަ ބައި ކަމަށް ވާއިރު، ފުރަތަމަ ބައި ވަނީ 13 މެއި 2024 ގައި ރޯލްއޯވާ ކޮށްފަ އެވެ،،،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ މަޝްވަރާ ތަކުގައި ވަނީ ބާކީ 50 މިލިއަން ޑޮލަރު ދެއްކުންވެސް ފަސްކޮށްދިނުމަށް އިންޑިޔާ ސަރުކާރުގައި ދިވެހި ސަރުކާރުން ވަނީ އެދިފައެވެ.

"ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިޔާ ސަރުކާރުން ރާއްޖެ އަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ފާހަގަ ކުރަމެވެ. އަދި މި އެހީތެރކަން ލިބިގެން މިދިޔައީ އިގުތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުން ތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ދުވަސްވަރެއްގައެވެ،" ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *