ބަންކަރިންގެ ޚިދުމަތް ފަށައިފި

ބަންކަރިންގެ ޚިދުމަތް ފަށައިފި

ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ.

ހއ. ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ހިމެނޭ ގޮތަށް މެރިޓައިމް ހިދުމަތް އިފްތިތާހުކޮށް ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހއ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިހުގެ ފަސް މެމްބަރުންނެވެ.

އެ ހިދުމަތް އިފްތިތާހު ކުރުމަށްފަހު އެންމެ ފުރަތަމަ ބަންކަރިން ހިދުމަތް ފޯރުކޮށް ދިނީ އެމްއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ "ވައި.ސީ ބެރިއާރ" އަށެވެ. "ވައިސީ ބެރިޔާ" އަކީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. މި އުޅަނދު މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރެއެވެ. އަދި މި އުޅަނދުގައި 11،000 ކޮންޓެއިނަރ އުފުލުމުގެ ގާބިލުކަން ހުރެ އެވެ.

އިހަވަންދިއްޕޮޅަކީ ޒަމާނުއްސުރެ ދުނިޔޭގެ ވިޔަފާރިއަށް ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރަށް އަމާން މަންޒިލެކެވެ.

ބަންކަރިންގެ ހިދުމަތް ފެށި އިހަވަންދިއްޕޮޅަކީ މެރިޓައިމް ހިދުމަތްތައް ތަރައްގީ ކުރުމަށް އެންމެ އެކަށީގެންވާ ސަރަހައްދެވެ. އެއީ ދުވާލަކު 200 އަށްވުރެ ގިނަ އާގުބޯޓު ދަތުރުކުރާ ބައިނަލްއަގުވާމީ ގޮތުން މުހިންމު ޝިޕިން ރޫޓެކެވެ.

ބަންކަރިން ހިދުމަތް ފެށުމަށް އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ވަނީ ގިނަ މަސައްކަތްތަކެއް ވަނީ ފުރިހަމަކޮށްފައެވެ.

ބަންކަރިން ހިދުމަތް ފެށުމުން އެކަމާ ގުޅުން ހުރި އެހެނިހެން ހިދުމަތްތައް އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް ގައި ދިނުމަށް ވަނީ ނިންމައިފަ އެވެ. މި ހިދުމަތްތައް ބައިނަލްއަގްވާމީ މިންގަނޑުތަކާއި ރާއްޖޭގެ ގާނޫނާއި ގަވައިދުގެ ތެރެއިން ދިނުމަށް އެމްޕީއެލުން ވަނީ އުތުރު އައިއެސްޕީއެސް ގޭޓު ހއ. އުލިގަމުގައި ގާއިމުކޮށްފަ އެވެ.

މި ތަނުން ފޯރުކޮށްދޭ ހިދުމަތްތައް:

ޕައިލަޓޭޖް
ބަންކަރިން
ކްރޫ ޗޭންޖު
ޝިޕް ޓު ޝިޕް ސާވިސް
ސްޕީޑް ބޯޓް ސާވިސް
ފްރެޝް ވޯޓާ ސަޕްލައި
ޕްރޮވިޝަންސް ސަޕްލައި
ލުބްރިކޭޓިން- ހައިޑްރޯލިކް އޮއިލް ސާވިސް
ޑޮކިން ސާވިސް
މެއިންޓަނެންސް ސާވިސް
އަންޑާވޯޓާ ސާވިސް
ޓަގް ސާވިސް
މެރިން ސަލްވޭޖް
ކަލެކްޝަން އޮފް ޝިޕް ވޭޖް
ސޭފް އެންކަރޭޖް
ސީ މާޝަލް ސާވިސް
އިމަޖެންސީ އިވަކުއޭޝަން
އެމްޕީއެލްއިން މި ހިދުމަތްތައް ދިނުމަށްޓަކައި މިހާރު އެކަމަށް ހާއްސަ ވެބްސައިޓެއްވެސް ވަނީ ތައާރަފްކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *