ފީފާއިން ލޯނު ނަގައިގެން ބައްސާމް ވަނީ ދެ އެޕާޓްމެންޓް ގަނެފައި: ފުލުހުން

ފީފާއިން ލޯނު ނަގައިގެން ބައްސާމް ވަނީ ދެ އެޕާޓްމެންޓް ގަނެފައި: ފުލުހުން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލު އެ އެސޯސިއޭޝަނަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވެ ދެ އެޕާޓުމެންޓެއް ގަތުމަށް އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނިމިކް ކްރައިމް ޑިޕާޓްމެންޓުގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސަވާދު ވިދާޅުވީ، ކޮވިޑްގެ ހާލަތުގައި ފީފާ މެދުވެރިކޮށް އެފްއޭއެމުން ނެގި ލޯނުގެ ފައިސާއިން އޭރުގެ އެފްއޭއެމްގެ ރައީސް ބައްސާމް، އަމިން އެވެނިއުއިން ދެ އެޕާޓްމެންޓް ގަނެފައިވާކަން ފުލުންގެ ތަހުގީގައް ހާމަވެފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލައާ ގުޅިގެން ބައްސާމުގެ އިތުރުން އެހެން ބައެއް މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

ޕީޖީއަށް ފޮނުވާފައިވަނީ ބައްސާމުގެ ނަމުގައި އަމިން އެވެނިއު އޭ 1205 އަދި އޭ 1206 ދެ އެޕާޓްމެންޓަށް ފައިސާ ދެއްކުމުގައި އެފްއޭއެމްގެ ފައިސާ ބޭނުން ކޮށްފައިވާ މައްސަލައަކާއި އެފްއޭއެމް އިން އަމިން ކޮންސްޓްރަކްޝަން ޕްރިވެޓް ލިމިޓެޑަށް 14 އެޕްރިލް 2021 ވަނަ ދުވަހު އެއްމިލިއަން ޔޫއެސް ޑޮލަރަށްވާ ދިވެހި ރުފިޔާ ދައްކާވާފައިވާކަން ދެއްކުމަށްޓަކައި ލިޔެކިއުން ތައްޔާރުކޮށް، އަދި އެ ފައިސާ ލޯޑާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށް ސަވާދު ވިދާޅުވި އެވެ.

"ތަހުގީގުން ބެލި ބެލުމުން ފާހަގަކުރެވެނީ މި ލޯނު އެފްއޭއެމުން ނަގާފައިވަނީ ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ފުޓުބޯޅަ ކްލަބުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައިކަން. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެފްއޭއެމްއާ ދެމެދު މި ކުރެވުނު އެއް މިލިއަން ޔޫއެސް ޑޮލަރުގެ މުއާމަލާތަށްވާ ދިވެހި ރުފިޔާ އެފްއޭއެމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާކަން މިހާތަނަށް ފާހަގަކުރެވިފައިވޭ،" އޭނާ ވިދާޅުވިއެވެ.

"މިހާތަނަށް ބެލި ބެލުމުން، ދިވެހި ރުފިޔާ ދައްކާފައިވާކަން ދެއްކުމަށްޓަކާ ލިޔެކިޔުން ތައްޔާރުކޮށްފައިވާކަން ވެސް ވަނީ ފާހަގަ ކުރެވިފައި. މި ފައިސާ އެފްއޭއެމަށް ލިބިފައިވާކަން ދެއްކުމަށްޓަކާ ކުންފުންޏެއް މެދުވެރިކޮށް، ލޯނު ނަގާފައިވާކަން ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ. އަދި މި ލޯނުގެ ފައިސާގެ އަދަދާއި އަމިން ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ފައިސާ ދައްކާފައިވާ ރިސިޕްޓުތަކުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދާ ދިމާވާކަން ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ،"

އެ މައްސަލާގައި ބައްސާމްގެ އިތުރުން ހަސަން ވަހީދާއި މުހައްމަދު އަގީލުގެ އިތުރުން އަމިން ކޮންޓްރަކްޝަނަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވާ ކަމަށް ސަވާދު ވިދާޅުވިއެވެ.

އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ހިޔާނާތާއި އޮޅުވާލުމުގެ އިތުރުން މަނީ ލޯންޑަރިންގެ ތުހުމަތެވެ.

މީގެ އިތުރުން އެފްއޭއެމުންގެ އެކައުންޓުން ބައްސާގެ އެކައުންޓަށް 10،000 ޔޫއެސް ޑޮލަރު ޖަމާކޮށް، އަމިއްލަ ބޭނުންކޮށް އޭނާ ހިޔާނާތްތެރިވެފައިވާ ކަމަށް ވެސް ސަވާދު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *