ޗައިނާއާއެކު ހަދައިފައިވާ އެފްޓީއޭއަށް މިއަންނަ އަހަރު އަމަލުކުރަން ފަށާނެ: ސައީދު

ޗައިނާއާއެކު ހަދައިފައިވާ އެފްޓީއޭއަށް މިއަންނަ އަހަރު އަމަލުކުރަން ފަށާނެ: ސައީދު

ރާއްޖެއިން، ޗައިނާއާއެކު ހަދައިފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)އަށް މިއަންނަ އަހަރު އަމަލުކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ އެފްޓީއޭއަށް އަމަލުކުރަން ފަށާނީ މިއަންނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ކަމަށެވެ. އެކަމާ ގުޅޭގޮތުން ޗައިނާއާއެކު މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ޗައިނާގެ މަރުކަޒީ ބޭންކާއި ރާއްޖެއާ ދެ ގައުމުގެ ފައިސާއިން މުއާމަލާޓް ކުރެވޭ އެއްބަސްވުމުގެ މައްޗަށް، މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުން، ދިވެހި ވިޔަފާރިތަކަށާއި އިގުތިސާދަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.

ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 91 ޕަސަންޓު ބާވަތުން ޑިއުޓީ ދައްކަން މިހާރު ނުޖެހޭނެ ކަމަށާއި ޑިއުޓީ ނުދައްކައި، ދިވެހި ރުފިޔާއިން ޗައިނާ އިން މުދާ ގަނެވޭ ގޮތް ވުމުން، ދިވެހި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އެކަމުގެ ތަފްސީލު ދެއްވަމުން ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޗައިނާ އިން މިހާރު އަހަރަކު 700 މިލިއަނާއި އެއް ބިލިއަން ޑޮލަރާ ދެމެދުގެ މުދާ އެބަ އެތެރެކުރޭ. ކަރަންސީ ސެޓެލްމަންޓް އެއްބަސްވުމާ އެކު މި 700 މިލިއަން ޔޫއެސްޑީ [އެމެރިކާ ޑޮލަރު] ބޭނުންނުކޮށް މުދާ އެތެރެކުރެވޭނެ،" ރާއްޖޭގައި އޮތް ޑޮލަރުގެ ދަތިކަމަށް ވެސް ލިބޭނެ ބޮޑު ލުޔެއް ފާހަގަކުރައްވައި ސައީދު ވިދާޅުވި އެވެ.

ޗައިނާއިން އެތެރެކުރާ މުދަލުގެ އިތުރުން، މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކްސްޕޯޓުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ މަހުގެ ބާވަތްތަކުން، ސުން ޕަސަންޓު ޑިއުޓީގައި ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ އެވެ. އޭގެތެރޭގައި، ދިވެހި މަހުގެ 296 ބާވަތެއް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *