ބޭންކު އޮފް މޯލްޑިވްސްގެ ބޯޑުން އައިޝަތު ނޫރައްދީން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވީ މިހާރު ހުންނެވި މަގާމުންނާއި ބޯޑު މެންބަރު ކަމުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުގެ ކުންފުނިތައް ހިނގާ ނުހިނގާ ގޮތް ބަލަން މަތިކޮށްފައި އޮތް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ.
ބީއެމްއެލްގެ ބޯޑު މެންބަރު ކަމުން ވަކިކުރި ކަމަށް ބުނެ އައިޝަތު ނޫރައްދީނަށް ޕީސީބީން ސިޓީއެއް އާދީއްތަ ދުވަހު ފޮނުވި ނަމަވެސް އެއީ ގާނޫނީ ގޮތުން ސީބީސީއަށް ލިބިގެންވާ ބާރެއްނޫނެވެ. އެއީ އެ ބެންކަކީ ޕަބްލިކް ކުންފުންޏަކަށް ވެފައި، ޕީސީބީ އަށް ގާނޫނުން ބާރު ލިބެނީ ދައުލަތުގެ ކުންފުނި ތަކުން މީހުން ވަކިކުރަން ކަމަށް ވާތީއެވެ. އައިޝަތު ނޫރައްދީން އިސްތިއުފާ ދެއްވިކަން ބޭންކުން މިހާރު ވަނީ އިއުލާނު ކޮށްފައެވެ.
އައިޝަތު ނޫރައްދީނަކީ ބީއެމްއެލްގެ އެންމެ ދުވަސްވީ އެއް މުވައްޒަފެވެ. އެ ބޭންކުގެ ވަޒީފާއާއި އައިޝަތު ނޫރައްދީން ގުޅިވަޑައިގަތީ 1982 ގައެވެ. އޭގެފަހުން ހިނގައި މިދިޔަ 42 އަހަރުގެ ދިގު ތާރީޚުގައި އޭނާ ވަނީ ބީއެމްއެލްގެ އެކްޓިން ސީއީއޯ ކަމާއި މެނޭޖިން ޑިރެކްޓަރުކަންވެސް އަދާ ކުރައްވައިފައެވެ.
ހަތަރު ފަހަރެއްގެ މަތިން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރުކަން އައިޝަތު ނޫރައްދީން ފުރުއްވާފައިވާއިރު، އެ ބޭންކުގެ މިހާރުގެ ސީއީއޯ، ކާލް ސްޓުމްކެ އެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ބޭންކުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވީ އައިޝަތު ނޫރައްދީނެވެ.