ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެންބަރުންނަށް ތިން ބޭފުޅުން ކަނޑައަޅައިފިއެވެ.
އޭގެތެރޭގައި ހިމެނެނީ ދިވެއްސަކާއި ބޭރު ދެ މީހުންނެވެ. އެއީ އަހުމަދު އަލީ އާއި ސިންގަފޫރު ބޭފުޅެއް ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދާއި އިނގިރޭސިވިލާތުގެ ބޭފުޅެއް ކަމަށްވާ ރޮބާޓް ޑެނިއަލް ކާޓްއެވެ.
އަހުމަދު އަލީ ވަނީ އެކައުންޓިން ދާއިރާ އާއި ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައެވެ. އޭނާ 2011 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް މީރާގެ އިސް މަގާމު ތަކެއްވެސް ފުރުއްވިއެވެ. އެންމެ ފަހުން މީރާގައި އަދާކުރެއްވީ އެސިސްޓެންޓް ކޮމިޝަނާ ޖެނެރަލްގެ މަގާމެވެ. މިހާރު އޭނާއަކީ ލޯ ފާމް، އެސް އެންޑް ޕީގެ ސީނިއާ ޕާޓްނަރެކެވެ.
ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ މޭ މަހުގެ 16 ވަނަ ދުވަހުއެވެ.
އެ ބޭންކު ހިންގުމަށް ބޭނުންވާ ލައިސެންސަށް އެދުނީ މިދިޔަ ޖުލައި މަހުއެވެ. އެއީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް އިންވެސްޓު ކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭނުން ކުރާނެ ކުންފުންޏެކެވެ.
އެ ކުންފުނި އުފެއްދީ ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރު ކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރު ކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެ ބޭންކުގައި ސަރުކާރުގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުގެ ހިއްސާ ވެސް އޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވިއެވެ. އޭގެ ޝައުގުވެރިކަން މިހާރުވެސް ބޭރުގެ ބައެއް އިންވެސްޓަރުން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.