މަސްވެރިން މަހަށް ފުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މަސް ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ހިދުމަށް މިފްކޯއިން ނިންމައިފި އެވެ.
މިފްކޯއިން މިރޭ ބުނީ ސްޓޮކް ހުސްވަންދެން މާދަމާ، މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދޫކުރާނެ ކަމަށެވެ.އަދި މި އައިސް ދޫކުރަން ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށް ކަމަށް މިފްކޯއިން ބުންޏެވެ.
ރާއްޖޭގައި މަސްވެރިކަން ދަށްވެފައި އޮތުމަށްފަހު މިހާރު ބައެއް ދޯނިތަކުން މަހަށް ވަނީ ނުކުމެފަ އެވެ. އަދި މިފްކޯއިން ދާދި ފަހުން ވަނީ އެކި ހިސާބުތަކުގައި މަސްވެރިކަން ރަނގަޅުވަމުން އަންނަކަންވެސް ހާމަކުރައްވާފައެވެ.
މަސްވެރިކަން ވަަރަށް ބޮޑަށް ދަށްވެ މިފްކޯ މަސް ފިހާރައިންވެސް ކަނޑުމަސް ލިބުން ދަތިވުމާއި ގުޅިގެން ވަރަށް ގިނަ ރައްޔިތުން ޝަކުވާވެސް ކޮށްފައި ވެއެވެ.