ހުޅުމާލޭގައި އަންހެނަކަށް ބިރު ދައްކައި، އޭނާ ގައިގައި ކަޓަރު އަޅައި ފޭރުނު މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ކަޓަރު އަޅައި، ބިރު ދެއްކުމަށްފަހު ފައިސާ ފޭރުނީ، ހުޅުމާލޭ ފޭސް 1 ގައި ހުރި ސްޕާއެއްގައި މަސައްކަތް ކުރާ ބިދޭސީ އަންހެނެއްގެ އަތުންނެވެ. ކަޓަރު އެޅި މީހާ ހައްޔަރު ކުރީ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ކަޓަރު އަޅާފައި ވަނީ އަންހެން މީހާގެ ފަލަމަސްގަނޑުގައެވެ. އަދި އަތްތިލައިގައިވެސް ކަޓަރު އެޅިފައިވާ ކަމަށްވެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރީ، ގދ. ތިނަދޫ، ސްކޫނާ، އަލީ ޝައްމާހު ވަހީދު (29އ) އެވެ. ފުލުހުން ވަނީ ފޮޓޯއާއެކު އޭނާގެ ވަނަވަރު ހާމަ ކޮށްފައެވެ. ޝައްމާހުއަކީ، އެކި ކުށް ތަކުގެ ބަންދު ރެކޯޑް އޮތް މީހެކެވެ.