ބާސެލޯނާގެ ކެޕްޓަން އެ ކްލަބް ދޫކޮށްލަން ނިންމައިފި

ބާސެލޯނާގެ ކެޕްޓަން އެ ކްލަބް ދޫކޮށްލަން ނިންމައިފި

ބާސެލޯނާއަށް ކުޅެމުންއައި ސްޕެއިންގެ މިޑްފީލްޑަރު ސާޖީ ރޮބާޓޯ، އެ ކުލަބު ދޫކޮށްލަން ނިންމިކަން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.

އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ ދޫކޮށްލަން ނިންމާފައި ވަނީ އެ ކުލަބާއެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ. ބާސެލޯނާގެ އެއްބަސްވުން އެންމެ ފަހުން ރޮބާޓޯ އައު ކޮށްފައި ވަނީ މިދިޔަ އަހަރުއެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވީ މިއަހަރުއެވެ.

ބާސެލޯނާ އިން ސީނިއާ ކެރިއަރު ފެށި ރޮބާޓޯއަށް، ބާސެލޯނާގެ ފުރަތަމަ ޓީމުން ޖާގަ ލިބުނީ 2010 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ވަނީ ބާސެލޯނާއަށް ކުޅެދިން 373 މެޗުގައި 19 ލަނޑު ޖަހައިފައެވެ. އެ ކުލަބާއެކު ރޮބާޓޯ ވަނީ 20 ތައްޓެއް ކާމިޔާބު ކޮށްފައެވެ. އޭގެތެރޭގައި ސްޕެނިޝް ލީގު، ކޮޕާ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ލީގު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެއެވެ.

ބާސެލޯނާ އިން ވަނީ ރޮބާޓޯއަށް ޝުކުރު އަދާ ކުރުމުގެ ގޮތުން، އެކަމަށްޓަކައި ޚާއްސަ ވީޑިއޯއެއް އެ ކުލަބުގެ ރަސްމީ އެކްސް އެކައުންޓުގައި ވެސް ޕޯސްޓު ކޮށްފައެވެ. މީގެއިތުރުން ރޮބާޓޯވެސް ވަނީ ބާސެލޯނާ އާއެކު ހޭދަ ކުރި މުއްދަތުގައި އޭނާއަށް އެހީތެރިކަން ދިން އެންމެނަށްވެސް ޝުކުރު އަދާ ކުރާ ކަމަށް ބުނެފައެވެ.

ބާސެލޯނާ ދޫކޮށްލަން ރޮބާޓޯ ނިންމާފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ބައެއް ކުލަބު ތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން އަޔެކްސް އާއި ފިއޮރެންޓީނާއިން އަންނަނީ ރޮބާޓޯ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ސްޕެއިންގެ މީޑިޔާ ތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *