ޝަމީމު މަގާމުން ވަކިކުރުމުގެ މައްސަލައަށް ޖަވާބު ދާރީވާން 5 ދުވަހުގެ ފުރުސަތެއް ދީފި

ޝަމީމު މަގާމުން ވަކިކުރުމުގެ މައްސަލައަށް ޖަވާބު ދާރީވާން 5 ދުވަހުގެ ފުރުސަތެއް ދީފި

މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ކަމަށް ތުހުމަތުކޮށް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ހުށަހެޅި މައްސަލައިގައި ތުހުމަތު ކޮށްފައިވާ މައްސަލަ ތަކަށް ޖަވާބު ދާރީވާން 5 ދުވަހުގެ މުއްދަތެއް ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ޖުޑިޝަރީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ޝަމީމު މަގާމުން ވަކިކުރެއްވުމަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދު އެކަމަށް އެދިވަޑައިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވި ސިޓީ ވަނީ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲއަށް ފޮނުއްވައިފައެވެ. މަޖިލިސް ރައީސްގެ އެންގެވުމަށް އެ ސިޓީ ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފައެވެ.

މަޖިލީހުގެ އަމީން އާއްމު އެ ސިޓީ މަޖިލިސް ތަޅުމަށް އިއްވެވުމުން މަޖިލިސް ރައީސް ވިދާޅުވީ، އެ މައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރެއްވިއެވެ. އެކަމާބެހޭ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ޝަމީމަށް ކޮށްފައިވާ ތުހުމަތު ތަކަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމާމެދު ބަހުސް ކުރިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ، ކޮމިޓީއަށް ވަޑައިގެން، ތުހުމަތު ތަކަށް ޖަވާބުދާރީވެ ވަޑައިގެންނެވުމުގެ ފުރުސަތު އޮތް ކަމަށް ސިޓީ އަކުން ޝަމީމަށް އެންގެވުމަށެވެ. ކޮމިޓީން ފާސް ކުރީވެސް އެ ހުށަހެޅުމެވެ. އެހެން ކަމުން ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވީ، މަޖިލިސް ގަވާއިދުގައި ވާގޮތުގެ މަތިން އެ ތުހުމަތު ތަކަށް ޖަވާބުދާރީވެ ވަޑައިގެންނެވުމަށް ޝަމީމަށް ފުރުސަތު އޮތްކަން ފަސް ދުވަހުގެ ނޯޓިސްއެއް ސިޓީއަކުން ޝަމީމަށް މިއަދު ފޮނުއްވާނެ ކަމަށެވެ.

އެގޮތަށް ފާސް ކުރުމާއިގުޅިގެން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުންގެ ތެރެއިން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، ޕީޖީގެ މަގާމުން ޝަމީމް ވަކި ކުރުމަށްޓަކައި 8 ތުހުމަތެއް ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ދީނީ ގޮތުންނާއި އެހެން ގޮތް ގޮތުން ބަލާއިރު ބޮޑެތި ތުހުމަތު ތަކެއް ހިމެނޭތީ، އެކަންކަން ރާއްޖޭގެ ރައްޔިތުން ހިމެނޭނެހެން ސާފުވާންޖެހޭ ކަންކަން ކަމަށް ވާތީ ޝަމީމް ޖަވާބުދާރީވާ ބައްދަލުވުން މީޑިޔާ ހާޒިރުކޮށްގެން ސިއްރު ނުކޮށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނާޒިލުގެ ވާހަކަ ތަކަށް ތާއީދުކޮށް ދެން އިންނެވި އެމްޑީޕީގެ މެންބަރު ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ، ޝަމީމަށް ކޮށްފައިވާ ތުހުމަތު ތަކަކީ ބޮޑެތި ތުހުމަތު ތަކެއް ކަމަށްވާތީ ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެ ދެ މެންބަރުގެ ވާހަކަތަކާއި ގުޅިގެން ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރިކު ވިދާޅުވީ، ކޮމިޓީ ސިއްރު ކުރުމާއި ނުކުރުން އެއީ މުގައްރިރަށް އޮންނަ ކަމެއް ނޫން ކަމަށެވެ. އެކަމަކީ ކޮމިޓީގެ މެންބަރުން ހުށަހަޅައިގެން ފާސްކުރާ ކަމެއް ކަމަށާއި ކޮމިޓީ ސިއްރު ކުރަން ހުށަހަޅައި ފާސް ނުކުރާހާ ހިނދަކު ކޮމިޓީ ބައްދަލުވުން ކުރިއަށްދާނީ އާންމު އުސޫލުން ލައިވްކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

ޝަމީމު މަގާމުން ވަކިކުރުމަށް މެންބަރު ޝާހިދު ފޮނުއްވި ސީޓީގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން ޕީޖީއަކީ ވަކި ފަރާތަކަށް ނުޖެހި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާ އެކު، ހާމަކަމާއި ހަމަހަމަކަމާ އެކު މަސައްކަތް ކުރައްވަންޖެހޭ ބޭފުޅެއް ކަމުގައިވީ ނަމަވެސް އެގޮތާ ހިލާފަށް ޕީޖީ ކަމުގައި ހުންނަވައިގެން ޝަމީމު އަމަލުކުރައްވާފައިވާ ކަމަށެވެ.

އެ ސިޓީގައި، މެންބަރު ޝާހިދު ވަނީ، ޕީޖީކަމުގެ މަގާމު ބޭނުން ކޮށްގެން، ޝަމީމް ކުރައްވާފައިވާ ބައެއް ކަންކަންވެސް ފާހަގަ ކުރައްވައިފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކެއް ރޭޕުކުރި ކަމަށް ތުހުމަތުވާ އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލުކުރެއްވި ކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ.

"މި މައްސަލަ ފައިލްކުރީ ހެކިންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބަޔާންކޮށް ކަމުގައިވީ ނަަމަވެސް މިއީ އެއިރު ވެރިކަން ކުރި އެމްޑީޕީން އެންގި ގޮތަށް މަގާމުގެ ދިފާއުގައި ކުރި ކަމެއް،" ޝާހިދުގެ ސިޓީގައިވެއެވެ.

ޝާހިދު ވިދާޅުވީ، ކޯޓު އަމުރު ފޮނުވައިގެންވެސް، ހެކިބަސް ހޯދޭ ކަމަށާއި އެކަމަށް އިޖުރާއަތްތައް، ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ޝާހިދުގެ ސިޓީގައި ވިދާޅުވީ، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން އުފުލި ދައުވާ ޝަމީމް އަނބުރާ ގެންދެވީ، އެއިރު މަޖިލީހުގައި އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އޭނާ މަގާމުން ވަކިކުރުމަށް މައްސަލައެއް އެޖެންޑާކޮށްފައި އޮއްވައި ކަމަށެވެ. އަދި މަހުލޫފުގެ މައްސަލަ އަނބުރާ ގެންދިއުމުން ޝަމީމު މަގާމުން ވަކިކުރަން ފެށި މަސައްކަތް އެމްޑީޕީން ހުއްޓައިލި ކަމަށްވެސް ވިދާޅުވިއެވެ.

އެ ސިޓީގައި އިތުރަށް ވަނީ ސަފާރީ ރޭޕް ކޭސް އިސްތިއުނާފު ނުކުރުމާއި ކުރީގެ މެންބަރު ރިޒާއަށް ކުރި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެންދިއުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ ބައެއް ދައުވާތައް އަނބުރާ ގެންދިއުމާއި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަކީވެސް، ޝަމީމް ޕީޖީކަމުގެ ނުފޫޒު ބޭނުން ކޮށްގެން ކުރެއްވި ކަމެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

މީގެއިތުރުން ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި ޝަމީމު ގެންދަވަނީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައިވެސް ތަފާތު ކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *