ޝަމީމު މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި

ޝަމީމު މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި

މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ހުށަހެޅި މައްސަލަ އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ޝަމީމު މަގާމުން ވަކިކުރެއްވުމަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދު އެކަމަށް އެދިވަޑައިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވި ސިޓީ ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲއަށް ފޮނުއްވައިފައެވެ. މަޖިލިސް ރައީސްގެ އެންގެވުމަށް އެ ސިޓީ ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފައެވެ.

މަޖިލީހުގެ އަމީން އާއްމު އެ ސިޓީ މަޖިލިސް ތަޅުމަށް އިއްވެވުމުން މަޖިލިސް ރައީސް ވަނީ، އެ މައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ.

ޝަމީމު މަގާމުން ވަކިކުރުމަށް މެންބަރު ޝާހިދު ފޮނުއްވި ސީޓީގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން ޕީޖީއަކީ ވަކި ފަރާތަކަށް ނުޖެހި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު، ހާމަކަމާއި ހަމަހަމަ ކަމާއެކު މަސައްކަތް ކުރައްވަންޖެހޭ ބޭފުޅެއް ކަމުގައި ވީނަމަވެސް އެގޮތާ ހިލާފަށް ޕީޖީ ކަމުގައި ހުންނަވައިގެން ޝަމީމު އަމަލު ކުރައްވާފައިވާ ކަމަށެވެ.

އެ ސިޓީގައި، މެންބަރު ޝާހިދު ވަނީ، ޕީޖީކަމުގެ މަގާމު ބޭނުން ކޮށްގެން، ޝަމީމް ކުރައްވާފައިވާ ބައެއް ކަންކަންވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ރޭޕުކުރި ކަމަށް ތުހުމަތުވާ އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލު ކުރެއްވިކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ.

"މި މައްސަލަ ފައިލްކުރީ ހެކިންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބަޔާންކޮށް ކަމުގައިވީ ނަަމަވެސް މިއީ އެއިރު ވެރިކަން ކުރި އެމްޑީޕީން އެންގި ގޮތަށް މަގާމުގެ ދިފާއުގައި ކުރި ކަމެއް،" ޝާހިދުގެ ސިޓީގައިވެއެވެ.

ޝާހިދު ވިދާޅުވީ، ކޯޓު އަމުރު ފޮނުވައިގެންވެސް، ހެކިބަސް ހޯދޭ ކަމަށާއި އެކަމަށް އިޖުރާއަތްތައް، ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ޝާހިދުގެ ސިޓީގައި ވިދާޅުވީ، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން އުފުލި ދައުވާ ޝަމީމް އަނބުރާ ގެންދެވީ، އެއިރު މަޖިލީހުގައި އަގުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އޭނާ މަގާމުން ވަކިކުރުމަށް މައްސަލައެއް އެޖެންޑާކޮށްފައި އޮއްވައި ކަމަށެވެ. އަދި މަހުލޫފުގެ މައްސަލަ އަނބުރާ ގެންދިއުމުން ޝަމީމު މަގާމުން ވަކިކުރަން ފެށި މަސައްކަތް އެމްޑީޕީން ހުއްޓައިލި ކަމަށްވެސް ވިދާޅުވިއެވެ.

އެ ސިޓީގައި އިތުރަށް ވަނީ ސަފާރީ ރޭޕް ކޭސް، އިސްތިއުނާފު ނުކުރުމާއި ކުރީގެ މެންބަރު ރިޒާއަށް ކުރި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެންދިއުމާއި، އެއްޖިންސުން ގުޅުން ހިންގުމުގެ ބައެއް ދައުވާތައް އަނބުރާ ގެންދިއުމާއި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަކީވެސް، ޝަމީމް ޕީޖީކަމުގެ ނުފޫޒު ބޭނުން ކޮށްގެން ކުރެއްވި ކަމެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

މީގެ އިތުރުން ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި ޝަމީމު ގެންދަވަނީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައިވެސް ތަފާތު ކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *