މިމަހު 15 އަށް ހަމަވާ ގޮތަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ މުއްދަތު މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލިސް ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުގައި ވާގޮތުގެމަތިން މަޖިލީހުގެ މިދައުރުގައި އެންމެ ފަހު ދުވަހަކީ 15 އޯގަސްޓު ވާ ބުރާސްފަތި ދުވަސް ކަމަށެވެ.
ނަމަވެސް މިވަގުތު މަޖިލީހުގައި ނިންމަންޖެހޭ މުހިއްމު މަސައްކަތް ތަކެއް ހުރުމުން މަޖިލިސް ގެ މިދައުރު މިމަހުގެ 26 ވަނަ ދުވަހަށް އިތުރު ކުރަން ގަސްތު ކުރާ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން މަޖިލިސް ރައީސް ވިދާޅުވީ އެކަމާބެހޭ ގޮތުން ގޮތެއް ނިންމުމަށްޓަކައި މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށެވެ.
އެ ވޯޓުގައި މިމަހު 26 ވާ ހޯމަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ މިހިނގާ ދައުރު އިތުރު ކުރަން މަޖިލީހުން ފާސްުކުރީ ޖަލްސާގައި ތިއްބެވި 82 މެންބަރުންގެ ތެރެއިން 80 މެންބަރުންގެ ވޯޓުންނެވެ.
މަޖިލީހުގައި ނިންމަންޖެހޭ މުހިއްމު މަސައްކަތް ތަކެއް ހުރިކަމަށް މަޖިލިސް ރައީސް ވިދާޅުވާއިރު، އޭގެތެރެއިން އެންމެ މުހިއްމު މަސައްކަތަކީ، ރާއްޖޭގެ ވަޒީފާތަކަށް އެއް ގައުމަކުން އެންމެ ގިނައިން މީހުން ގެނެވޭނީ 100،000 ހަމައަށް ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތް ލިމިޓް އުވާލުމަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތް ނިންމުމެވެ.
މިއަދުގެ ނިޔަލަށް އެ މަސައްކަތް ނިންމަން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީން ވަނީ ކަނޑައަޅައިފައެވެ. އެހެން ކަމުން މިމަހުގެ 26 ހާ ހަމައަށް އެބިލް މަޖިލީހުން ފާސް ކުރާނެއެވެ. އޭގެއިތުރުންވެސް ސަރުކާރަށް އާމްދަނީ ލިބޭނެ މުހިއްމު ބިލުތަކެއްގެ މަސައްކަތްވެސް މަޖިލީހުގެ ތަޅުމުގައި ކުރިއަށް އެބަ ދެއެވެ.