އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އެމެރިކާގައި ކުޅުނު އެލް ކްލަސިކޯގައި ބާސެލޯނާއިން ރެއާލް މެޑްރިޑް ބަލި ކޮށްފިއެވެ.
ފަތިހު 4:00 ގައި ފެށި މި މެޗުގެ ކުރީކޮޅުގައި މޫސުން ގޯސްވުމާ ގުޅިގެން މެޗު މެދުކަނޑާލަން ޖެހުނެވެ. އަދި އެވަގުތު ވެހެމުންދިޔަ ބޯ ވާރޭ ތުނި ވުމުން އަލުން މެޗު ފެށީ 5:30 ހާއިރު އެވެ.
ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު އެކުވެރި ކަމުގެ މި މެޗު ބާސާއިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. މެޗުގައި ބާސާގެ ދެ ލަނޑުވެސް ޖަހައި ދިނީ، އެންމެ ފަހުން އެ ޓީމު މެންޗެސްޓާ ސިޓީއާ ބައްދަލު ކުރި މެޗުގައިވެސް ލަނޑު ޖެހި ޕައު ވިކްޓާއެވެ. މިއަދުގެ މެޗުގައި އޭނާ ލަނޑުތައް ކާމިޔާބު ކުރީ 42 އަދި 54 ވަނަ މިނެޓުގައެވެ.
ރެއާލްގެ ހަމައެކަނި ލަނޑު ޖަހައި ދިނީ ޒުވާން މިޑްފީލްޑަރު ނިކޯ ޕާޒްއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އޭނާ މި ލަނޑު ޖެހީ މެޗުގެ 82 ވަނަ މިނެޓުގައެވެ. އޭގެފަހުން ރެއާލްއިން އިތުރު ލަނޑެއް ޖަހަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.
ކުރިއަށް އޮތް ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ބާސާ އާއި ރެއާލްއިން މިހާރު ދަނީ އެމެރިކާގައި މެޗުތައް ކުޅެމުންނެވެ. އެގޮތުން މި ދަތުރުގައި ބާސާ ފުރަތަމަ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ޕެނަލްޓީ ޖަހައިގެން ސިޓީގެ މައްޗަށް ކުރި ހޯދައިފައެވެ. ނަމަވެސް ރެއާލް ކުޅުނު މެޗުގައި އޭސީ މިލާން އަތުން އެ ޓީމު ވަނީ ބަލިވެފައެވެ.